އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން އުޅަނދެއް އީރާނުން އަތުލައިގަނެފި

އެމެރިކާގެ ކަނޑުއަޑީގެ މުހިންމު ޑްރޯން އުޅަނދެއް އީރާނުގެ ކަނޑުގެ ސިފައިން އަތުލައިގަނެފިއެވެ. ދުނިޔޭގެ ހަކަތައިގެ މައި ދޮރާށި ކަމަށްވާ ހުރުމުޒު ކަނޑުއޮޅީގައި ހިންގި މި ޢަމަލަކީ އެމެރިކާގެ ބަލިކަށިކަން އިތުރަށް ހާމަވާ ކަމެކެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިންގި ޚާއްސަ ޙަރަކާތެއްގައި، އެމެރިކާގެ ސިފައިންގެ ބޭނުންތަކަށް ގެންގުޅޭ އެންމެ ޒަމާނީ ކަނޑުއަޑީގެ ޑްރޯން އުޅަނދެއް އީރާނުން ވަނީ ހިފަހައްޓާފެވެ. މި އުޅަނދަކީ ޖާސޫސީ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ އަޑީގެ ސަރަޙައްދުތައް ދެނެގަތުމުގެ އިތުރުން ކަނޑުއަޑީގެ ކޭބަލްތަކާއި ހޮޅިތައް ޗެކްކުރުމުގެ ޤާބިލުކަން ލިބިގެންވާ އުޅަނދެއް ކަމަށް އީރާނުން ބުނެއެވެ. އަދި މިއީ 2025 ވަނަ އަހަރު އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓާ ހަވާލުކޮށްފައިވާ ވަސީލަތެއް ކަމަށް ވެސް އެ ޤައުމުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އޮޅުވާލުމަށް ތަފާތު ވާހަކަތަކެއް ދައްކާފެވެ.

އެމެރިކާގެ ސިފައިންގެ އިސް އޮފިޝަލުން ބުނިގޮތުގައި، އެ އުޅަނދަކީ ސަރަޙައްދުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތެއްގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހަލާކުވެފައިވާ އުޅަނދެކެވެ. އަދި އެ އުޅަނދުގައި އެއްވެސް ސިއްރު ނުވަތަ ނާޒުކު މަޢުލޫމާތެއް ނުހުންނާނެ ކަމަށާއި، މިއީ ބާވެފައިވާ އާދައިގެ އުޅަނދެއް ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ތެލުގެ އެކްސްޕޯޓުގެ ބޮޑު ބައެއް ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅީގެ ސަރަޙައްދަކީ ވިޔަފާރީގެ ގޮތުންނާއި ސިޔާސީ ގޮތުން ނާޒުކު ސަރަޙައްދެކެވެ. މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން އީރާނުން ނިންމާފައިވާއިރު، އެމެރިކާއިން ދަނީ އެކަމަށް ދެކޮޅުހަދަމުންނެވެ.

ހިއްސާ ކުރައްވާ!