ފަލަސްޠީނު މިނިވަން ކުރުމަށް ފެށި އަގްސާ ޠޫފާނުގެ އޮކްޓޯބަރު 7 ގެ ހަނގުރާމައިގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެކަމާ ގުޅޭ ގޮތުން ކޮމާންޑަރު ޔަހުޔާ ސިންވާރާ ދެކޮލަށް ޚާއްސަ އިންޒާރެއް ދެއްވި ކަމަށް މީޑީއާގައި ރިޕޯޓު ކޮށްފައިވާ ވާހަކަތަކާ ގުޅޭގޮތުން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން އެއްޗެއް ބުނުމަށް އިންކާރުކޮށްފިއެވެ.
ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުތަކުގެ ވެރިންގެ މެދުގައި ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން މީޑީއާތަކުގައި ޝާއިޢުކުރާ ރިޕޯޓުތަކާއި ޚިޔާލުތަކަށް އެ ވުޒާރާއިން ބަސް ނުބުނާނެ ކަމަށެވެ. މިއީ އިސްރާއީލުގެ ނޫހަކުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ކުރިން ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާން، ނަތަންޔާހޫއަށް އިންޒާރެއް ދެއްވި ކަމަށް ބުނެ ފެތުރި ޚަބަރާ ގުޅިގެން ދިން ރައްދެއް ކަމަށް ބެލެވެއެވެ.
"އެކްސް" ޕްލެޓްފޯމުގައި ޙިއްޞާކުރި ބަޔާނެއްގައި ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 7 ގެ ފަހުން ޔޫއޭއީގެ ސަމާލުކަން ހުޓިފައިވަނީ މަސްރަހު ހަމައަކަށް އަޅުވައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކޮށް، ހަމަނުޖެހުންތައް ކުޑަކުރުމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ޤާއިމުކުރިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ސީދާކޮށް ގުޅޭނެ މަގުތައް މެދުނުކެނޑި ބަލަހައްޓާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ބަޔާނުގައި ވަކި ޚަބަރެއްގެ ނަން ސީދާ ފާހަގަކޮށްފައި ނުވި ނަމަވެސް، އިސްރާއީލުގެ "ހާރެޓްޒް" ނޫހުން އަންގާރަ ދުވަހު ރިޕޮޓުކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވީ ދުވަހު ކުރެއްވި ފޯނު ކޯލެއްގައި، ޙަމާސް ޖަމާޢަތުން ޔަހޫދީ ރެޖީމަށް ޙަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު ޔޫއޭއީގެ ރައީސް ވަނީ ނަތަންޔާހޫއަށް ދެއްވާފައެވެ.
ނޫހުގައިވާ ގޮތުން ނަތަންޔާހޫ ވަނީ އެ އިންޒާރަށް ބެލުމެއް ނެތި ޤައުމީ ސަލާމަތާބެހޭ އިސް އޮފިޝަލުންނާ އެ މަޢުލޫމާތު ޙިއްޞާ ނުކޮށް ސިއްރުކޮށްފައެވެ.
ނަތަންޔާހޫގެ އޮފީހުން މި ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ، އޮކްޓޯބަރު 7 ގެ ކުރިން ޔޫއޭއީގެ އެއްވެސް އިންޒާރެއް ބޮޑުވަޒީރަށް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލާގައި އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނީ ހާރެޓްޒް ނޫހުގެ ވާހަކައަކީ ތެދު ރިޕޯޓެއް ކަމަށެވެ. އަދި އޭނާ ބުނީ އެތައް ހާސް ޔަހޫދީން މަރުވެގެންދިޔަ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ ކަމަށެވެ.
ޔަހޫދީ ރެޖީމުން ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުއެވެ. ބައެއް ސަހުޔޫނީ އަރަބިންނާއި އެމެރިކާގެ އެހީތެރިކާއެކު ކުރިއަށްގެންދާ މި ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް ގިނަބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ވަނީ ޒަޚަމް ކޮށްފައެވެ.





