ބަނގްލަދޭޝްގެ މުޅި ބޭންކިންގ ދާއިރާގެ ޑިފޯލްޓްވެފައިވާ ޖުމްލަ ނުބައި ލޯނު ތަކުގެ 72 އިންސައްތައަށްވުރެ ބޮޑު ބައެއް ހިމެނެނީ އިސްލާމީ ބޭންކުތަކާއި ސަރުކާރުގެ ބައެއް ބޭންކުތަކާއެކު ޖުމްލަ 10 ބޭންކެއްގައި ކަމަށް ބަނގްލަދޭޝްގެ މަރުކަޒީ ބޭންކުގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއިން ހާމަވަނީ ޤައުމުގައި ހަރަކާތްތެރިވަމުންދާ 61 ކޮމާޝަލް ބޭންކުގެ މެދުގައި މާލީ ދަތިކަން ހަމަހަމައަށް ބެހިފައިނުވާ ކަމެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކިންގ ދާއިރާގެ ޖުމްލަ ޑިފޯލްޓްވެފައިވާ ލޯނުގެ އަދަދު ވަނީ 6,06,555 ކްރޯޑު ޓަކާއަށް އަރާފައެވެ. މީގެ ތެރެއިން މައްސަލަތައް ކުރިމަތިވެފައިވާ 10 ބޭންކެއްގެ އެކަނި ވެސް 4,39,527 ކްރޯޑު ޓާކާގެ ނުބައި ލޯނު ހިމެނޭ ކަމަށް މަރުކަޒީ ބޭންކުގެ ރިޕޯޓުތަކުން ކަށަވަރުވެއެވެ. މި ލިސްޓުގައި ހިމެނޭ މައިގަނޑު ބޭންކުތަކުގެ ތެރޭގައި އިސްލާމީ ބޭންކު ބަންގްލަދޭޝް، ޖަނަތާ ބޭންކު، އަގްރާނީ ބޭންކު، އައި.އެފް.އައި.ސީ ބޭންކު، ނޭޝަނަލް ބޭންކު، އޭ.ބީ ބޭންކު، ފަސްޓް ސެކިއުރިޓީ އިސްލާމީ ބޭންކު، އެކްސިމް ބޭންކު، ސޯޝަލް އިސްލާމީ ބޭންކު އަދި ޔޫނިއަން ބޭންކު ހިމެނެއެވެ.
އަދަދުގެ ގޮތުން ބަލާއިރު، އެންމެ ގިނަ އަދަދަކަށް ޑިފޯލްޓް ލޯނު ހުރީ އިސްލާމީ ބޭންކު ބަންގްލަދޭޝްގައެވެ. އެ ބޭންކުގެ އެފަދަ ލޯނުގެ އަދަދު 98,914 ކްރޯޑު ޓަކާއަށް އަރާއިރު، މިއީ އެ ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ 52.15 އިންސައްތައެވެ. މި ބޭންކަކީ 2017 ވަނަ އަހަރު 'އެސް އާލަމް ގްރޫޕް' ގެ ދަށަށް ގެންދެވުނު ތަނެކެވެ. ބޭންކިންގ ޤަވާއިދުތަކާ ޚިލާފަށް، އެ ކުންފުނިން ވަނީ ބޭންކުގެ ޖުމްލަ ލޯނުގެ 80 އިންސައްތައެއް އެ ކުންފުނީގެ އަމިއްލަ ކުންފުނިތަކަށާއި ގުޅުންހުރި ފަރާތްތަކަށް ދޫކޮށްފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ޤައުމަށް އައި ސިޔާސީ ބަދަލުތަކާއެކު، މަރުކަޒީ ބޭންކުގެ ބެލެނިވެރިކަމުގެ ދަށަށް މި ބޭންކު އަލުން ވަނީ ގެންގޮސްފައެވެ.
ބަންގްލަދޭޝް މަރުކަޒީ ބޭންކުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އިޖާޒުލް އިސްލާމް ފާހަގަކުރެއްވި ގޮތުގައި، މިހާރު 30 އިންސައްތައަށް އަރާފައިވާ ނުބައި ލޯނުގެ ނިސްބަތުގެ ތެރެއިން 20 އިންސައްތައަކީ ގަސްތުގައި ފައިސާ ނުދެއްކުމާއި، ޤަވާއިދާ ޚިލާފުވުމާއި އަދި ކޮރަޕްޝަންގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަމެވެ.






