ދެ ދައުލަތުގެ ހައްލު ދަމަހައްޓަން އިޒްރޭލުގެ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ޚާއްސަ ފިޔަވަޅުތަކެއް

ދެ ދައުލަތުގެ ހައްލު ދަމަހައްޓައި ފަލަސްޠީނުގެ ރައްޔިތުންނަށް ދާއިމީ ސުލްޙައެއް ހޯދައިދިނުމުގެ ގޮތުން، އިޒްރޭލުން ހުޅަނގު އައްސޭރީގައި ބިން ހިފައިގެން ބިނާ ކުރަމުންދާ އާބާދީ ފުޅާކުރުމުގެ ހަރަކާތްތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއްގެ ބޮޑު ޕެކޭޖެއް އިޢުލާންކޮށްފިއެވެ.

އިނގިރޭސި ސަރުކާރުގެ މެދުއިރުމަތީގެ ތަރުޖަމާނު ޖޮސްލިން ވާލަރ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމުގެ ފުރުސަތުތައް ރައްކާތެރިކުރުމެވެ. ސަބަބަކީ އިނގިރޭސިވިލާތުން ދެކޭގޮތުގައި ފަލަސްޠީނާއި އިޒްރޭލުގެ ރައްޔިތުންނަށް ވެސް އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރެވެން އޮތް ހަމައެކަނި މަގަކީ ދެ ދައުލަތުގެ ހައްލު ކަމަށްވާތީއެވެ.

އިނގިރޭސިވިލާތުގެ މި އައު ސިޔާސަތު އެކުލަވާލާފައިވަނީ ހުޅަނގު އައްސޭރީގައި އާބާދީތައް ފުޅާކުރުމާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑް އަދި ނަސްލު ސާފުކުރުމުގެ ޢަމަލުތައް އިތުރުވުމުގެ އިތުރުން، ޣައްޒާގައި އިންސާނީގޮތުން ދިމާވެފައިވާ ނުރައްކާތެރި އަދި ކާރިސީ ޙާލަތަށް ރިއާޔަތްކޮށެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އިޒްރޭލުގެ ސަރުކާރުގެ ސިޔާސަތުތަކަށް އިނގިރޭސިން ސީދާ ފާޑު ކިޔައިފައިވާއިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ.

މި ޕެކޭޖުގެ ދަށުން އަޅާފައިވާ އަމަލީ ފިޔަވަޅުތަކުގެ ތެރޭގައި، އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގާ އާބާދީ ސަރަހައްދުތަކުގައި އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމާއި، އެ ސަރަހައްދުތަކުގެ ބިންތަކާއި ޢިމާރާތްތައް ވިއްކުމަށް އަދި އެތަންތަން ޕްރޮމޯޓުކުރުން ހުއްޓުވުން ހިމެނެއެވެ. މީގެ އިތުރުން، އާބާދީތައް ފުޅާކުރުމުގެ މަޝްރޫޢުތަކަށް އެހީތެރިވެދޭ ފަރާތްތަކަށާއި ފަރުދުންނަށް އިނގިރޭސި ކުންފުނިތަކުން ޚިދުމަތްދިނުން ވަނީ މަނާކޮށްފައެވެ.

މިއީ ހަމައެކަނި ޚަބަރުތަކުގެ ސުރުޚީއަށް އެރުމަށް ކުރި ކަމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޙަޤީޤީ ބަދަލުތަކެއް ގެނައުމަށް ޖަރީމާތަކާ ދެކޮޅަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ލަންޑަނުން ބުނެއެވެ. ޚާއްޞަކޮށް، ޤާނޫނާ ޚިލާފަށް އާބާދީތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ފްރާންސާއި ކެނެޑާ ފަދަ އެހެނިހެން ޤައުމުތަކާ ގުޅިގެން ހަރުދަނާ އުޞޫލުތަކެއްގެމަތިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުނެއެވެ.

އިޒްރޭލުން މި ނިންމުން ސިފަކޮށްފައިވަނީ އެ ޤައުމުގެ ޖެނޮސައިޑް އަމަލުތަކަށް ނުފޫޒުފޯރުވުމަށް ކުރި ބަލައި ނުގަނެވޭނެ ކަމެއްް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނެފައިވަނީ މިއީ އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް އަޅާ ފިޔަވަޅެއް ނޫން ކަމަށާއި، ނަމަވެސް ސަރުކާރުގެ ވަކި ސިޔާސަތުތަކަކަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅެެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!