ޓްރަމްޕް ފަޟީހަތް ވެދާނެތީ ޔޫރަޕަށް އެޕްސްޓީންގެ ލިޔުންތައް ސިއްރު

ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅިގެން ޔޫރަޕްގެ ޤައުމުތަކުން ކުރަމުންދާ ތަޙުޤީޤުތަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ހުށަހެޅި ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޔޫރަޕްގެ ޤައުމުތަކުގެ ފުލުހުން ބުނެފިއެވެ. މިއަހަރުގެ ކުރީކޮޅު އާންމުކުރި އެޕްސްޓީންގެ ލިޔެކިޔުންތަކާ ގުޅިގެން، ޕޮލެންޑާއި ނޯވޭއާއި ލެޓްވިއާ ފަދަ ޤައުމުތަކުގައި ވަނީ ވަކިވަކިން ތަޙުޤީޤުތައް ފަށާފައެވެ. ނަމަވެސް، އެ ޤައުމުތަކުން އެދުނު އެހީތެރިކަމަށް އެމެރިކާގެ ފަރާތުން އެއްވެސް އިޖާބައެއް ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

  • ޕޮލެންޑުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ވަނީ ޓްރަމްޕާ ގާތް ގުޅުމެއް ބެއްވިކަން ސާބިތުވާ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި އެއްވެސް ކަމެއް ޕޮލެންޑާ ގުޅިފައިވޭތޯ ބެލުމަށް މިއަހަރުގެ އެޕްރީލް މަހު އެމެރިކާއިން ލިޔެކިޔުންތަކަށް އެދިފައެވެ.
  • ނޯވޭގައި ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށްދާ ތަޙުޤީޤަކަށް ވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައިވެއެވެ. ނޯވޭގެ އިޤްތިޞާދީ ކުށްތައް ތަޙުޤީޤުކުރާ ޔުނިޓުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ފަރާތުން ޖަވާބެއް ނުލިބުމަކީ ތަޙުޤީޤަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެކެވެ.
  • ލެޓްވިއާގެ ފުލުހުން ވެސްވަނީ އެ ޤައުމުގެ ރައްޔިތަކާ ގުޅުންހުރި އެޕްސްޓީންގެ ކުށުގެ މައްސަލައެއްގައި އެމެރިކާގެ އެހީތެރިކަމަށް އެދިފައެވެ.

އެޕްސްޓީންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މީގެ ކުރިން ގާތް ގުޅުމެއް އޮތް ނަމަވެސް، ޓްރަމްޕް ވަނީ މި މައްސަލައިގައި އެއްވެސް ކަހަލަ ނޭދޭ ޢަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ފޮޓޯއިން ވަނީ މުޅިން ތަފާތު މަންޒަރެއް ފެނިފައެވެ. އުމުރު ހަމަނުވާ އަންހެން ކުދިންވެސް ފެނިފައި ވެއެވެ. މިކަމާ ގުޅިގެން ޓްރަމްޕްގެ އަޚުލާގާއި އަދަބު ސަދަބާ މެދުވެސް ގިނަ ސުއާލުތައް އުފައްދާފައި ވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނާގޮތުގައި ޤާނޫނީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކުރެވެން ނޯންނާނެއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ އެޕްސްޓީން މައްސަލައިގައި ލިޔެކިޔުންތައް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ޚާއްސަކޮށް، އެމެރިކާގައި ހުންނެވި އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު ލޯޑް ޕީޓަރ މެންޑެލްސަންއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި، ސަރުކާރުގެ ސިއްރު މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިނގިރޭސި ފުލުހުން ދަނީ މަޢުލޫމާތު އެއްކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޤައުމަކަށް އެމެރިކާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!