ތަރައްގީވަމުން އަންނަ ބޮޑެތި އިޤްތިޞާދުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ހިމެނޭ ބްރިކްސް ޖަމްޢިއްޔާގެ މިއަހަރުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ 18 ވަނަ ސަމިޓް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި މަހުގެ 12 އިން 13 އަށް ކުރިއަށްދާ މި މަތީ ފަންތީގެ ބައްދަލުވުމަކީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިއާއިން ބަލަހައްޓަމުން އަންނަ މި ޖަމްޢިއްޔާގެ ރިޔާސަތުގެ އެންމެ ފަހުގެ އެއް މަސައްކަތެވެ.
މި އަހަރުގެ ރިޔާސަތުގެ މައިގަނޑު ޝިއާރަކަށް ހަމަޖައްސާފައިވަނީ "ބިނާކުރުވަނިވި ކަމާއި، އީޖާދީ ވިސްނުމާއި، އެއްބާރުލުމާއި އަދި ދެމެހެއްޓެނިވި ތަރައްޤީ" އެވެ.
މި ޝިއާރުގެ ދަށުން މައިގަނޑު ހަތަރު އުސޫލަކަށް އަމާޒު ހިފާފައިވާއިރު، މީގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ނިޒާމުތައް ވަރުގަދަކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމާއި، ސިޔާސީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ބްރިކްސް ޖަމްޢިއްޔާ ފުރަތަމަ އުފެދުނީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، އަދި ޗައިނާ ހިމެނޭގޮތަށް 2006 ވަނަ އަހަރު ނިއުޔޯކުގައި ބޭއްވި އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައެވެ. އޭގެފަހުން، 2011 ވަނަ އަހަރު ދެކުނު އެފްރިކާ ބައިވެރިވުމާ ގުޅިގެން މި ޖަމްޢިއްޔާގެ ނަން ވަނީ ބްރިކްސްއަށް ބަދަލުވެފެވެ. އަދި ފަހުގެ އަހަރުތަކުގައި ގެނެވުނު ފުޅާކުރުމުގެ މަރުޙަލާތަކާއެކު، މިހާރު މި ޖަމްޢިއްޔާގައި ފުރިހަމަ މެންބަރުންގެ ގޮތުގައި 11 ޤައުމެއް ހިމެނެއެވެ. މީގެ އިތުރުން 10 ޤައުމެއް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.
ދާއިރާއެއްގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއިން ތަމްސީލުކުރަނީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 49.5 އިންސައްތައެވެ. އަދި ދުނިޔޭގެ ޖީ.ޑީ.ޕީ ގެ 40 އިންސައްތަ އެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ 26 އިންސައްތަ މި ޤައުމުތަކުން ހިއްސާކުރެއެވެ.
އިންޑިއާއިން މީގެ ކުރިން 2012، 2016، އަދި 2021 ވަނަ އަހަރުތަކުގައި ވެސް ބްރިކްސްގެ ރިޔާސަތު ބަލަހައްޓާފައި ވެއެވެ. މި އަހަރުގެ ސަމިޓުގެ މަޝްވަރާތައް ބިނާވެފައިވާނީ މައިގަނޑު ގޮތެއްގައި ގްލޯބަލް ސައުތުގެ ޤައުމުތަކުގެ މަސްލަހަތު އިސްކޮށް، މޫސުމީ ބަދަލުތަކާއި ހަކަތައިގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ މައްޗަށެވެ.




