ޕާކިސްތާންގައި ބަންދުކޮށްފައިވާ ދެ ވަކީލުންގެ މައްސަލަ ލަސްވާތީ ފާޑު ކިޔައިފި

ޕާކިސްތާނުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މަޝްހޫރު ދެ ޤާނޫނީ ވަކީލުން ކަމަށްވާ އީމާން މާޒަރީއާި ހާދީ އަލީ ޗައްތާ 10 އަހަރާއި 17 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރުމުން، އެ މައްސަލަ ބެލުން ލަސްވަމުންދާތީ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީސްމީޑިއާގައި ޚިޔާލުފާޅުކުރެއްވި ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ވާހަކަދެއްކިކަމުގެ ތުހުމަތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ދެ ވަކީލުން ހައްޔަރުކޮށް އަވަސް އަރުވާލައިގެން ޙުކުމް އިއްވާފައިވާއިރު، އެއްވެސް އަސާސެއް ނެތް ގޮތަކަށް ސިފައިން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރި މި މައްސަލައަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަންނަވަމުން ދަނިކޮށް އެ ދެ ވަކީލުން ހައްޔަރުކޮށްފައިވަނީ ކުރިން ކޯޓުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނިކޮށެވެ. އަދި އޭގެ ފަހުން ދުވަހު އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓަކުން ވަނީ އިލެކްޓްރޯނިކް ކްރައިމްސް އެކްޓް (ޕެކާ) ގެ ދަށުން ކުށް ސާބިތުވެގެން ކަމަށް ބުނެ އެ މީހުންނަށް ދިގު މުއްދަތުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މި ދައުވާތައް އަމާޒުކޮށްފައިވަނީ މީސްމީޑިއާގައި ބަލޫޗު އަދި ޕަޝްތޫން ޙަރަކާތްތަކަށް ތާއިދުކޮށް ލިޔެފައިވާ ލިޔުންތަކަށާއި ސިފައިންގެ ސިޔާސަތުތަކަށް ފާޑުކިޔައި ކޮށްފައިވާ ޕޯސްޓުތަކަށް ބަލާފައެވެ. މިހާރު އެ ދެ ވަކީލުން ބަންދުކޮށްފައިވަނީ ރާވަލްޕިންޑީގެ އަޑިއާލާ ޖަލުގައެވެ.

ކޯޓުގެ ޙުކުމަށް ފަހު އިސްތިއުނާފަށް މައްސަލަތައް ހުށަހެޅި ނަމަވެސް، ޝަރުޢީ މަރުޙަލާގައި އެ މައްސަލަތައް ކުރިއަށް ނުގެންގޮސް ވަނީ ލަސްކޮށްފައެވެ. ޚާއްސަކޮށް، އީމާން މާޒަރީގެ ޞިއްޙީ ހާލަތު ގޯސްވަމުންދިއުމާއެކު ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަށް އެދުމުން ވެސް އެކަން ކަމާބެހޭ ފަރާތްތަކުން ހުރަސްއަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މައްސަލަ އަވަސްކުރުމަށް އަންގާފައިވަނިކޮށް ދަށު  ކޯޓުތަކުން މައްސަލަ ބެލުން ލަސްކުރުމަކީ ޢަދުލުއިންސާފު ޤާއިމުކުރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ފާޑު ކިޔާ ފަރާތްތަކާއި ދެކޮޅު ވެރިން ބނެއެވެ.

ހިއްސާ ކުރައްވާ!