އިރާނުގެ ދެކުނުގައި އޮންނަ ފާރިސް ޕްރޮވިންސްގެ ލާމަރުދު ސިޓީއަށް އަމާޒުކޮށް އެމެރިކާއިން ދިން ޙަމަލާ، ބައިނަލްއަގްވާމީ މައިދާނުގައި ކުށްވެރިކޮށް އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ލިޔެކިޔުންތައް ފުރިހަމަކުރަމުންދާ ކަމަށް އިރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނަގައި ވިދާޅުވީ، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން މި ޙަމަލާއާ ގުޅުންހުރި ހުރިހާ ހެއްކެއް އެއްކޮށް، ހާދިސާގެ ޙަޤީޤަތްތައް ރައްކާތެރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ޖަރީމާ ހިންގުމުގައި ސީދާގޮތުން ބައިވެރިވި ފަރާތްތަކާއި، އެކަމަށް އޯޑަރު ދިން ވެރިންނާއި، އަދި އެކަމަށް އެހީތެރިވެދިން ފަރާތްތައް ޒިންމާދާރުކުރުވުމަކީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މާރިޗު މަހުގެ ފުރަތަމަ ދުވަހު ހިނގި މި ޙަމަލާގައި 23 މީހުން މަރުވެ، އިތުރު 180 މީހުން ޒަޚަމވެފައިވާ ކަމަށް ރަސްމީ ރިޕޯޓުތައް ބުނެއެވެ. ތަރުޖަމާނު ވިދާޅުވިގޮތުގައި، މި ޙަމަލާގައި އެމެރިކާއިން ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރާއި ކްލަސްޓަރ ބޮމުގެ ބާވަތްތައް ބޭނުންކޮށްފައެވެ. މިފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ހުޅަނގުގެ ބައެއް ޤައުމުތަކާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުގެ ސަމާލުކަމަށް މި މައްސަލަ ގެންދިއުމަށް އިރާނުގެ ޑިޕްލޮމެޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، މި ޙަމަލާއާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. .
އިރާނުގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފުސީލު ހިމެނޭ ފައިލެއް ތައްޔާރުކޮށް، އދ. ގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.





