އިސްތަށިގަނޑު ސީދާކުރަން ބޭނުންކުރާ އުފެއްދުންތަކުގެ ސަބަބުން އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އޮތްކަން ލޮރިއެލް ކުންފުނިން ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ އެރިޒޯނާގެ އެޓާނީ ޖެނެރަލް، ލޮރީއެލް ކުންފުންޏާއި އެ ކުންފުނީގެ އެމެރިކާގެ ސަބްސިޑަރީއާ ދެކޮޅަށް ދައުވާ ކޮށްފިއެވެ. މިއީ މިފަދަ އުފެއްދުންތަކުގެ ސަބަބުން ކެންސަރުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެ، އެމެރިކާގެ ސްޓޭޓަކުން މިފަދަ ދަޢުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.
އެސްޓޭޓް ކޯޓަށް ހުށަހެޅުއްވި މި ދަޢުވާގައި ބަޔާންކޮށްފައިވާގޮތުގައި، ލޮރީއެލްއިން ކެމިކަލް ހިމެނޭ މި ބާވަތުގެ ތަކެތި މާކެޓްކޮށް ވިއްކަމުންދަނީ އޭގެ ސަބަބުން ރަޙިމުގެ ކެންސަރާއި ބިސްރަވައިގެ ކެންސަރު ޖެހުމުގެ ނުރައްކާ އޮތްކަން ކޮންސިއުމަރުންނަށް އެންގުމަކާ ނުލައެވެ. ޚާއްޞަކޮށް އެފްރިކާ ނަސްލުގެ އަންހެނުން ބޭނުންކުރުމަށް އަމާޒުކޮށްގެން ވިއްކާ މި އުފެއްދުންތަކުގެ ސަބަބުން ކޮންސިއުމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ ކުންފުންޏަށް ލިބޭ މަންފާއަށް އިސްކަންދީފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ކުންފުނި ޖޫރިމަނާކުރުމާއި، ގެއްލުމުގެ ބަދަލު ހޯދުމުގެ އިތުރުން، ކެންސަރުގެ ނުރައްކާތެރިކަން ސާފުކޮށް ބަޔާންކުރުމަށްފަހު ނޫނީ މިފަދަ އުފެއްދުންތައް ވިއްކުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވި ކަމަށް ބުނެ އަންހެނުންގެ ބަޔަކާއި އެ މީހުންގެ ޢާއިލާތަކުން ހުށަހަޅާފައިވާ 12,000 އަށްވުރެ ގިނަ ދަޢުވާ ޝިކާގޯގެ ފެޑެރަލް ކޯޓެއްގައި އެއްކޮށްލައިގެން ބަލަމުންދާ ދަނޑިވަޅެއްގައެވެ. ލޮރީއެލް ގެ ތަރުޖަމާނަކު ވިދާޅުވީ، އެ ކުންފުނީގެ އުފެއްދުންތަކުގެ ރައްކާތެރިކަމާމެދު ފުރިހަމަ ޔަޤީންކަން އޮތް ކަމަށާއި، މި ދަޢުވާތަކުގައި އެއްވެސް ޤާނޫނީ އަދި ޢިލްމީ އަސާސެއް ނެތް ކަމަށެވެ. "ޑާކް އެންޑް ދަ ލަވްލީ" އަދި "އޮޕްޓިމަމް" ފަދަ ބްރޭންޑްތަކުގެ ދަށުން ވިއްކަމުންދާ މި އުފެއްދުންތަކަކީ ބުޅި އިސްތަށިގަނޑު ދިގު މުއްދަތަކަށް ސީދާކޮށް ބެހެއްޓުމަށް ބޭނުންކުރާ އެއްޗެކެވެ.
މި މައްސަލަތަކުގެ ފެށުމަކަށްވެފައިވަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން 2022 ވަނަ އަހަރު ޢާންމުކުރި ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާގޮތުގައި، އަހަރަކު އެތައް ފަހަރަކު މިފަދަ އުފެއްދުންތައް ބޭނުންކުރާ އަންހެނުންނަށް ރަޙިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ދެގުނައަށްވުރެ ބޮޑެވެ. ނަމަވެސް ލޮރީއެލްގެ ތަރުޖަމާނު ވިދާޅުވީ، އެ ދިރާސާއިން އެ އުފެއްދުންތަކާއި ދަޢުވާގައިވާ ބަލިތަކާ ސީދާ ގުޅުމެއްވާކަން ހާމަވެފައި ނުވާ ކަމަށެވެ. މި ދަޢުވާތަކުގައި އެދެމުންދަނީ އަންހެނުންނަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ވޭނަށާއި، ބޭސްފަރުވާއަށް ހިނގި ޚަރަދުތަކަށް ބަދަލު ހޯދުމަށެވެ. ލޮރީއެލްގެ އިތުރުން ރެވްލަން ފަދަ އެހެން ކުންފުނިތަކާ ދެކޮޅަށް ވެސް މިފަދަ މައްސަލަތައް ވަނީ ހުށަހަޅާފައެވެ.





