ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ވިޔަފާރީގައި އިސްކަންދިނުމަށް ޕްރިފެރެންޝަލް ޓްރޭޑް އެގްރީމެންޓެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު މާލޭގައި ބޭއްވެވި ރަސްމީ މަތީ ފަންތީގެ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޖުމްހޫރީ މައިދާނުގައި ބޮޑުވަޒީރަށް ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުމަށްފަހު، ރައީސް އޮފީހުގައި ވަނީ ދެ ޤައުމުގެ ލީޑަރުން މަތީ ފަންތީގެ މަޝްވަރާތައް ބާއްވައިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދިފާޢީ ދާއިރާއިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއިން އެއްބާރުލުންދިނުން އިތުރުކުރުމުގެ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

ގުޅިފައިވާ ބަޔާނުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއް ޤާއިމުކުރެވުމުން ވިޔަފާރިތަކަށް އައު ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ޙަލާލު ޓޫރިޒަމް ކުރިއެރުވުމާއި ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުކުރުން ފަސޭހަކުރުމާމެދު މަޝްވަރާކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނޭ އިސްލާމީ މާލީ ދާއިރާއާއި، އިޔާދަކުރަނވި ހަކަތައާއި، ޑިޖިޓަލް ބިނާރުގެ ދާއިރާގައި އިންވެސްޓުކުރުމަށް މެލޭޝިޔާގެ ވިޔަފާރިތަކަށް ދަޢުވަތު ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު އެމްއެމްއޭ އިން މެލޭޝިޔާގެ މަރުކަޒީ ބޭންކުން 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހޯދުމަށް އެދިފައިވާ އެދުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް ހާމަކުރެއްވިއެވެ. އަދި މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި ސިއްހީ ފަރުވާއަށްދާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވެއެވެ.
![]()







