އިޒްރޭލަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އިސް ޑިމޮކްރެޓިކް މެންބަރަކު ތެދުވެއްޖެ

އެމެރިކާއިން އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުމަށް ހުށަހަޅާފައިވާ 2.8 ބިލިއަން ޑޮލަރުގެ މުޢާމަލާތަށް ތާޢީދުނުކުރައްވާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސް މެންބަރެއް ކަމަށްވާ ގްރެގޯރީ މީކްސް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން މި ހަތިޔާރުތައް ޔަހޫދީ ރެޖީމުން ބޭނުންކުރާނެ ކަމުގެ ޔަޤީންކަން ނެތުމުން، 2000 ރާތަލުގެ ބަރުދަން ހުންނަ ބޮޑެތި ބޮންތައް އިޒްރޭލަށް ވިއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އޭނާ ތާޢީދުނުކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ މި ޕެކޭޖުގައި އެކުލެވިގެންވަނީ 20,000 އަށްވުރެ ގިނަ އެމް.ކޭ-84 ވައްތަރުގެ ބޮމާއި، ބީ.އެލް.ޔޫ-117 ވައްތަރުގެ ބޮންތަކެވެ.

މި މުޢާމަލާތުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވާ 2000 ރާތަލުގެ ބަރުދަން ހުންނަ ބޮންތަކަކީ ޣައްޒާއާއި ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލުގެ ސިފައިން ގަވާއިދުން ބޭނުންކުރަމުން އަންނަ ތަކެތި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ފާހަގަކުރާގޮތުގައި، މިފަދަ ބަރު ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އާންމުންނަށް ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑެވެ.

ބައިނަލްއަގްވާމީ މީޑިއާއިން ބުނާ ގޮތުގައި، މިދިޔަ ޖޫން މަހު ނެގި ޚިޔާލު ހޯދުމުގެ ޕޯލަކުން ދައްކާގޮތުގައި، އެމެރިކާގެ ވޯޓުލާ މީހުންގެ 48 އިންސައްތަ މީހުންނާއި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ 66 އިންސައްތަ މީހުން ދެކޭގޮތުގައި އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ބޭނުމެއް ނެތް އިތުރު އެހީތެރިކަމެކެވެ.

ރަސްމީ ރެކޯޑުތަކުން ދައްކާގޮތުގައި، ޔަހޫދީންގެ ޖެނޮސައިޑް ހަނގުރާމަތަކުގެ ސަބަބުން ޣައްޒާއިން އެއްލަކައަށްވުރެ ގިނަ މީހުންނަށް އަނިޔާވެ، 73,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އަދި ލުބުނާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައިވެސް ގިނަ ބަޔަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!