އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ފާސްކުރި ބިލުގައި އިންޑިއާއަށް ފިޔަވަޅު އެޅުމަށް ހިމަނާފައިވާތީ، އިންޑިއާގެ 1.4 ބިލިއަން ރައްޔތުންނަށް ބޭނުންވާ ތެލާއި ހަކަތަ ކަށަވަރު ކުރުމަކީ އިންޑިއާ ސަރުކާރުގެ އަމާޒެއް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެމެރިކާއިން ރަޝިޔާއާއެކު ވިޔަފާރި ކުރާ ގައުމުތަކަށް ދަތިކޮށް އެގައުމުތަކުން އަންނަ މުދަލަށް ނަގާ ޑިއުޓީ 100 ޕަސެންޓަށް މަތި ކުރުމަށް ނިންމާފައި ވެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިޔަފާރިއާއި އިޤްތިޞާދީ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މޮނިޓަރކޮށް، ޤައުމުގެ މަސްލަހަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ހަކަތަ ހޯދާ މާކެޓްތައް ސިންދަފާތުކޮށް މާކެޓުގެ ޑައިނަމިކްސްއަށް ބިނާކޮށް ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ތަކުރާރުކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ މަސްއޫލު ފަރާތްތަކާ އެކު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވާފައިވާ ކަމަށާއި، ބައިނަލްއަޤުވާމީ ހަކަތަ މާކެޓަށާއި ދެ ޤައުމުގެ ގުޅުމަށް ކޮށްފާނެ އަސަރުތަކާ މެދު ނިއުދިއްލީން ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް ބުނެފައި ވެއެވެ. ޚާއްސަކޮށް، ރަޝިޔާއިން އެތެރެކުރާ ހަކަތައިގެ މުޢާމަލާތްތަކާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިންޑިއާގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.
އެމެރިކާގެ ކޮންގްރެސްގެ ތިރި ގެއިން 262 ވޯޓު 159 ވޯޓާ އެކު ފާސްކުރި މި ބިލުގައި، ރަޝިޔާގެ ޕެޓްރޯލިއަމާއި ގުދުރަތީ ގޭސް އެންމެ ގނައިން އެތެރެކުރާ ޤައުމުތަކަށް އަމާޒުކޮށް 100 އިންސައްތައިގެ ޓެރިފެއް ނެގުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދީފައި ވެއެވެ. އިންޑިއާއާއި ޗައިނާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމުތަކެވެ.





