ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ވޯޓުލާން ފަށައިފި

ރަޝިޔާގެ ގާނޫނު ހަދާ މަޖިލިސް، ސްޓޭޓް ޑޫމާއަށް މެމްބަރުން ހޮވުމަށް ވޯޓުލުން ފަށައިފިއެވެ. މިއީ ޔޫކްރޭންގައި ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގައި ބާއްވާ ޕާލަމެންޓްރީ ފުރަތަމަ އިންތިޚާބެވެ. ހުކުރު ދުވަހު ފަށާ މި އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު 111 މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ރަޝިޔާއިން ފެންނަ އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އެއް ސިޔާސީ ހަރަކާތެވެ. މި އިންތިޚާބުގައި ވެރިކަންކުރާ "ޔުނައިޓެޑް ރަޝިޔާ" ޕާޓީއަށް ސްޓޭޓް ޑޫމާގެ މެޖޯރިޓީ ހިފެހެއްޓޭނެތޯ ބެލުމަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ހުއްޓިފައެވެ.

މި އިންތިޚާބުގައި ފުރަތަމަ ފަހަރަށް އާ ސަރަހައްދުތަކެއް ބައިވެރިކޮށްފައި ވެއެވެ. ޔޫކްރޭން ހަނގުރާމައަށްފަހު، ފުރަތަމަ ފަހަރަށް ޑޮނެޓްސްކް، ލުހަންސްކް، ޚެރްސަން އަދި ޒަޕޮރިޒްޒިއާ ސަރަހައްދުގެ ރައްޔިތުން ވެސް ވަނީ މި އިންތިޚާބުގެ ވޯޓުގައި ބައިވެރިކޮށްފައެވެ.

މި އިންތިޚާބުގައި ގާތްގަނޑަކަށް 23,000 ކެންޑިޑޭޓުން ވާދަކުރަމުންދެއެވެ. މީގެ ތެރޭގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނުގައި ބައިވެރިވެފައިވާ ފަރާތްތައްވެސް ހިމެނެއެވެ.

އިންތިޚާބުގެ މަރުހަލާއަށް ހުޅަނގުގެ ޤައުމުތަކުން ނުފޫޒު ފޯރުވަން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށް، މޮސްކޯއިން ވަނީ ހުޅަނގުގެ ފަރާތްތަކަށް އިންޒާރުދީފައެވެ. އަދި ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބަށް ހުރަސްއަޅަން އުޅޭކަމުގެ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައިވެއެވެ.

މި އިންތިޚާބު މޮނިޓަރ ކުރުމަށް 100 އަށް ވުރެ ގިނަ ޤައުމަށާއި ބައިނަލްއަޤްވާމީ 12 ޖަމްޢިއްޔާއަކަށް ދަޢުވަތު ފޮނުވާފައި ވެއެވެ. މީގެ ތެރޭގައި ބްރިކްސް، އެސްސީއޯ އަދި ސީއައިއެސްގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ހިމެނެއެވެ.

މީގެއިތުރުން، 152 ޤައުމެއްގައި ރަޝިޔާގެ 333 ވޯޓު ފޮށި ބަހައްޓައިގެން، ރަޝިޔާއިން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ހިއްސާ ކުރައްވާ!