އެމެރިކާއިން ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގާނޫނާމެދު އިންޑިޔާގެ ކަންބޮޑުވުން

އެމެރިކާއިން ރަޝިޔާއާއި އީރާނާ ދެކޮޅަށް ފާސްކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އާ ގާނޫނުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރުކޮށްފާނެތީ، އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލުކުރައްވައި އިންޑިޔާގެ ކަންބޮޑުވުންތައް އަލުން ތަކުރާރުކުރައްވައިފިއެވެ. ނިއުޔޯކްގައި ބޭއްވުނު މި ބައްދަލުކުރުމުގައި، ރަޝިޔާއާއި އީރާނާއެކު އިގްތިސާދީ ގުޅުން ބާއްވާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އަޅާފާނެ ފިޔަވަޅުތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ތަސްދީގުކުރެއްވި "ލިންޑްސީ އޯ ގްރޭހަމް ސެންކްޝަނިންގ ރަޝިޔާ އެންޑް އީރާން އެކްޓް 2026″ (އެސްއާރުއައިއޭ) ގެ ދަށުން، ރަޝިޔާއިން 2022 ވަނަ އަހަރުގެ ކުރީކޮޅު ޔުކްރޭން އަށް އަރައިގަތުމާ ގުޅިގެން އެގައުމަށް އަޅާ އިގްތިސާދީ ފިއްތުންތައް އިތުރަށް ވަނީ ވަރުގަދަކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދެ ބޭފުޅުންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މި ގާނޫނުގެ ދަށުން އެމެރިކާއިން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާމެދުގައެވެ.

މި ބައްދަލުވުމަށްފަހު މީސް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ، އެސްއާރުއައިއޭ ގާނޫނާ ގުޅޭގޮތުން އިންޑިޔާގެ މަސްލަހަތުތަކާއި ކަންބޮޑުވުންތައް ރޫބިއޯއަށް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. މި ގާނޫނުގެ ދަށުން، ރަޝިޔާގެ ސާފުނުކުރާ ތެލާއި ގޭސް އެންމެ ގިނައިން އެތެރެކުރާ ފަސް ގައުމުން އެމެރިކާއަށް އެތެރެކުރާ ތަކެތިން 100 އިންސައްތައާ ހަމައަށް ޓެރިފް ނެގުމުގެ ބާރު ރައީސް ޓްރަމްޕަށް ލިބިވަޑައިގަންނަވައެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސް ފަހުން އާކޮށް ރަޝިޔާގެ ތެޔޮ ގަންނަ ގައުމުތަކާއި، ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން އެހީތެރިވެދޭ ގައުމުތަކަށްވެސް މި ފިޔަވަޅުތައް އަމާޒުވެގެންދާނެއެވެ.

އިންޑިޔާއަކީ ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އިންޑިޔާއިން ވަނީ އަގުހެޔޮކޮށް ރަޝިޔާއިން ލިބެންުރި ތެޔޮ ގަންނަ މިންވަރު  އިތުރުކޮށްފައެވެ. މިގޮތަށް ތެޔޮ ގަތުން އިތުރުކުރުމާ ގުޅިގެން، 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ޓްރަމްޕް ވަނީ އިންޑިޔާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ބޮޑުކުރައްވާފައެވެ. އެއީ އެމެރިކާއިން އެއްވެސް ގައުމަކާ ދެކޮޅަށް އެ ދުވަސްވަރު އެޅި އެންމެ ބޮޑު އެއް ފިޔަވަޅެވެ.

އޭގެފަހުން، މި އަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕް ވަނީ އިންޑިޔާއިން ރަޝިޔާގެ ތެޔޮ ގަނެވިއްކުން ހުއްޓާލާނެކަމުގެ ޔަގީންކަން ދިނުމުން އެ ޓެރިފްތައް އުވާލައްވާފައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅު ކުޑަ ދުވަސްކޮޅަކަށް ތެޔޮ ގަންނަ މިންވަރު ދަށްކުރުމަށްފަހު، އިންޑިޔާއިން އަލުން ވަނީ ރަޝިޔާއިން ތެޔޮ ގަންނަ މިންވަރު އިތުރުކޮށްފައެވެ. ޚާއްސަކކޮށް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުމާއެކު އިންޑިޔާއިން ރަޝިޔާ ތެޔޮ ގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން އިންޑިޔާ ސަރުކާރުން ބުނަމުންދަނީ، އެގައުމުގެ ބޮޑު އާބާދީއާއި ކުރިއަރަމުންދާ އިގްތިސާދަށް ބޭނުންވާ ހެޔޮ އަގުގެ ހަކަތަ ފޯރުކޮށްދިނުމަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!