އަންހެނުންނަށް ސަމާލުކަން ދޭ ސިޔާސަތުތަކުގެ ސަބަބުން، އިޤްތިޞާދީ އަދި ސިޔާސީ މައިދާން ގައި އަންހެނުންގެ ބައިވެރިވުން ވަނީ ފުޅާވެފައެވެ.
އިންޑިއާއިން 2040 އާއި މެދު ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވުމަށް އެކުލަވާލާފައިވާ ޤައުމީ ތަޞައްވުރު ހާސިލުކުރުމުގައި، އެ ޤައުމުގެ އަންހެނުންގެ ދައުރު ވަނީ އިޤްތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން ހާސިލުކުރުމުގެ މައި ހިއްސާދާރުންނަށް ބަދަލުވެފައެވެ.
އިންޑިއާގެ އިޤްތިޞާދީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާވަމުންދާކަމުގެ އެންމެ ބޮޑު އެކަކީ، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ހޯދާ އަންހެނުންގެ "ވާކަރ ޕޮޕިއުލޭޝަން ރޭޝިއޯ" (ޑަބްލިއު.ޕީ.އާރު) 40 އިންސައްތައަށް އިތުރުވެ، ދެގުނައަށް އުފުލިފައިވުމެވެ.
މީގެ ތެރެއިންވެސް އެންމެ ބޮޑު ކުރިއެރުމެއް ފެނިގެން ގޮސްފައިވަނީ ދުރު ރަށްފުށުގެ ސަރަޙައްދުތަކުންނެވެ. މިއީ އިޤްތިޞާދީ ހަރަކާތްތައް އެންމެ ތިރި ފަށަލައިން ފެށިގެން މުޅި ޤައުމަށް ފެތުރެމުންދާކަމުގެ ނިޝާނެކެވެ.
މާލީ ދާއިރާއަށް ބަލާއިރު، ބޭންކު އެކައުންޓް ބޭނުންކުރާ އަންހެނުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. 2024 ވަނަ އަހަރާ ހަމައަށް އައިއިރު، އިންޑިއާގައި ބޭންކު އެކައުންޓް ގެންގުޅޭ އަންހެނުންގެ އަދަދު ވަނީ ފިރިހެނުންނަށްވުރެ އިތުރުވެފައެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އަންހެނުން މާލީ ނިޒާމުގެ ތެރެއަށް ވަދެފައިވާ މިންވަރަށް ބަލާއިރު އިންޑިއާ އުޅެނީ އެންމެ ކުރީގައެވެ. މީގެއިތުރުން، އަމިއްލަ ވިޔަފާރި ފެށުމަށް ދޫކުރާ ލޯނުގެ 70 އިންސައްތަ ލޯނު ނަގާފައިވަނީ އަންހެނުންނެވެ.
ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމަށް ވެސް މަސައްކަތް ކުރެއެވެ.
- ކައުންސިލް ފެންވަރުގެ 50 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައި ވެއެވެ.
- ޕާލަމެންޓާއި ސްޓޭޓް އެސެމްބްލީތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ވަނީ ޤާނޫނު ފާސްކޮށްފައެވެ.
- މީގެ ސަބަބުން ތަޢުލީމާއި، ޞިއްޙަތު އަދި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ނިންމުންތައް ނިންމުމުގައި އަންހެނުންގެ އަޑު ވަނީ ގަދަވެފައެވެ.
- ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާތަކުންވެސް އަންހެނުން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ.
- މުއައްސަސާތަކާއި، ދިފާޢީ ރިސާޗް ސެންޓަރުތަކުގެ އިތުރުން އީ-ކޮމާސް އަދި ފިންޓެކް ދާއިރާގެ އިސް މަޤާމުތަކުގައި ގިނަ އަދަދެއްގެ އަންހެނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
- ދަނޑުވެރިކަމުގެ ދާއިރާގައި ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް އޮޕަރޭޓްކުރުމުގައި އަންހެނުން ބައިވެރިވުން ވަނީ އިތުރުވެފައެވެ.
އިންޑިއާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ އަންހެނުންނަކީ ތަރައްޤީގެ ބޭރުގައި ތިބޭ ބައެއްގެ ބަދަލުގައި، ޤައުމީ އިޤްތިޞާދު ކުރިއަރުވާ މައި ސްޓްރެޓެޖީ ކަމުގައި ބަލައިގެންނެވެ.





