ޓައިމްސް ވޯލްޑް ޔުނިވަސިޓީ ރޭންކިން 2027ގެ ލިސްޓުގައި އޮކްސްފޯޑް އެއްވަނަ ހޯދައިފިއެވެ. ޓައިމްސް ހަޔާ އެޑިއުކޭޝަން (ޓީއެޗްއީ) އިން ނެރުނު 2027 ވަނަ އަހަރުގެ ދުނިޔޭގެ ޔުނިވަސިޓީ ރޭންކިންގައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އޮކްސްފޯޑް ޖެހިޖެހިގެން 11 ވަނަ އަހަރަށް އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ. ތާރީޚުގައި ފުރަތަމަ ފަހަރަށް އޭޝިއާގެ ސަރަހައްދީ ޔުނިވަސިޓީތަކުން ޔޫރަޕުގެ ބައްރަށްވުރެ ކުރިއެރުން ހޯދާފައިވާއިރު، އޭޝިއާގެ ތިން ޔުނިވަސިޓީއެއް ދުނިޔޭގެ އެންމެ މަތީ 15 ޔުނިވަސިޓީގެ ތެރޭގައި ވަނީ ހިމެނިފައެވެ.
މުޅި ޖުމްލަ 118 ގައުމަކާއި ސަރަހައްދަކުން 2,297 މަތީ ތައުލީމީ މުއައްސަސާއެއް ވަޒަންކޮށްގެން އެކުލަވާލި މި ރޭންކިންގައި އޭޝިއާގެ މުއައްސަސާތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޗައިނާގެ ސިންގހުއާ ޔުނިވަސިޓީއާއި، ޕެކިންގ ޔުނިވަސިޓީގެ އިތުރުން ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރު ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފާއިވާ 15 މުއައްސަސާގެ ތެރޭގައި ހިމެނިފައެވެ.
އިންޑިއާގެ މުއައްސަސާތަކަށް ބަލާއިރު، އެ ގައުމުން އެންމެ މަތިން ރޭންކް ކުރެވުނު މުއައްސަސާއަކީ 254 ވަނައިގައި ހިމެނުނު އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސް (އައިއައިއެސްސީ) ބެންގަލޫރެވެ.
ޓީއެޗްއީ އިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ޔުނިވަސިޓީ ރޭންކިން އެކުލަވާލުމުގެ މައިގަނޑު ސްޓްރެޓެޖީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޔުނިވަސިޓީތަކުގެ ހިންގުން ވަޒަންކުރުމާއި، މަތީ ތައުލީމީ މަރުކަޒުތަކުގެ ކާމިޔާބީތަކާއި އަމާޒުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މިފަހަރުގެ ރޭންކިންގެ ގަދަ 15 ޔުނިވަސިޓީގެ ތެރޭގައި ހިމެނެނީ:
1. ޔުނިވަސިޓީ އޮފް އޮކްސްފޯޑް (އިނގިރޭސިވިލާތް)
2. މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ – އެމްއައިޓީ (އެމެރިކާ)
3. ޕްރިންސްޓަން ޔުނިވަސިޓީ (އެމެރިކާ)
4. ސްޓެންފޯޑް ޔުނިވަސިޓީ (އެމެރިކާ)
5. ޔުނިވަސިޓީ އޮފް ކޭމްބްރިޖް (އިނގިރޭސިވިލާތް)
6. ހާވަޑް ޔުނިވަސިޓީ (އެމެރިކާ)
7. ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމެރިކާ)
8. އިމްޕީރިއަލް ކޮލެޖް ލަންޑަން (އިނގިރޭސިވިލާތް)
9. ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ބާކްލީ (އެމެރިކާ)
10. ޔޭލް ޔުނިވަސިޓީ (އެމެރިކާ)
11. ސިންގހުއާ ޔުނިވަސިޓީ (ޗައިނާ)
12. އީޓީއެޗް ޒިއުރިކް (ސްވިޓްޒަލޭންޑް)
13.ޕީކިންގ ޔުނިވަސިޓީ (ޗައިނާ)
14. ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާ (އެމެރިކާ)
15. ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރު (ސިންގަޕޫރު)
ވޭތުވެދިޔަ އަހަރު ޓީއެޗްއީ އިން ވަނީ 116 ގައުމަކާއި ސަރަހައްދަކުން 1,646 ޔުނިވަސިޓީއެއް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ 17 ދާއިރާއަކުން ވަޒަންކޮށްފައެވެ. އެ ރޭންކިންގެ ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގްސް 2026 ގެ އެއްވަނަ ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް މެންޗެސްޓާއެވެ. މީގެ އިތުރުން އޮސްޓްރޭލިއާ، މެލޭޝިއާ އަދި ކެނެޑާގެ މުއައްސަސާތަކުންވެސް ވަނީ އެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައެވެ.



