މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އައްސައްޔިދަށް އަމާޒުކުރައްވައި ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް އާ ހަމަލާއެއް ދެއްވައިފިއެވެ. ޤަތަރުން އުދުހޭ ގަނޑުވަރެއް ހަދިޔާ ކުރި، ޓްރަމްޕް ވަނީ އައްސައްޔިދުގެެ އަގު ވައްޓާލުމުގެ ނިޔަތުގައި އޭނާއަށް "މުހައްމަދު" ގެ ނަމުން މުޚާތަބުކުރައްވައި، އޭނާއަކީ "ހައްދުފަހަނައަޅާފައިވާ ހަރުކަށި، ޓެރަރިސްޓުންނަށް ތާއީދުކުރާ މީހެއް" ކަމަށް ސިފަކުރައްވާފައެވެ.
ބުދަ ދުވަހުގެ ރޭ "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ:
"މުހައްމަދު އެ އެނބުރިދަނީ ޖިހާދުގެ ދުވަސްވަރަށެވެ. އޭނާއަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި، ޓެރަރިސްޓުންނަށް ތާއީދުކުރާ، އަދި އެމެރިކާއަށް ނަފްރަތުކުރާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހަސަން ޕައިކަރާ އެއްވެސް ތަފާތެއް ނެތް މީހެކެވެ. ފްރާންސްގެ ހާލަތު ވަކި ކިހިނެއް ހެއްޔެވެ؟"
މިސްރުގެ ނަސްލުގެ އަބްދުއްރަޙްމާން މުޙައްމަދު އައްސައްޔިދު ކަމަށްވާ މި ޕްރޮގްރެސިވް ކެންޑިޑޭޓް އާންމުކޮށް ބޭނުންކުރައްވަނީ އަބްދުއްސައްޔިދުގެ ނަމެވެ. 2026 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބަށް މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އިސްތިއުފާ ދެއްވި ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސް ފުރުއްވި ގޮނޑިއަށް ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޯޖަރސްއާ ދެކޮޅަށް އައްސައްޔިދު ކުރައްވާ ކެމްޕޭންގެ ވާދަވެރިކަން ބޮޑު ވެފައިވާ ކަމަށް ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.
ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމުގެ ވާދަވެރިކަން
ނޮވެމްބަރު މަހު ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ފަރާތެއް ކަނޑައެޅިގެންދާ ނެއެވެ. މިޝިގަންގެ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެކެވެ.
ޑިމޮކްރެޓިކް ޕާޓީން ފުރަނުން ދިޔަ ދެ ގޮނޑި މި ވަގުތު ހުސްކޮށް އޮތް މި ސްޓޭޓުން ޓްރަމްޕްގެ ޕާޓީއަށް ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެނަމަ، ކޮންގްރެސް މެދުވެރިކޮށް ޤާނޫނުތައް ފާސްކުރުމަށް ޓްރަމްޕަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ.
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރައްވާކަން ތަކުރާރުކުރައްވަމުން ޓްރަމްޕްގެ އިސްލާމޯފޯބިކް ޕޯސްޓުގައި އައްސައްޔިދުގެ އަގު ވައްޓާލުމަށް އިތުރަށް ލިޔުއްވާފައިވެއެވެ:
"މުހައްމަދުގެ އުސޫލުތަކަކީ މިޝިގަންގެ ރައްޔިތުންގެ، ނުވަތަ އަހަރެމެންގެ މަތިވެރި އެމެރިކާގެ އުސޫލުތަކެއް ނޫނެވެ! އޭނާއަކީ މިޝިގަންއަށް އެކަށީގެންވާ މީހެއް ނޫނެވެ. އަދި އެމެރިކާއަށްވެސް އެކަށީގެންވާ މީހެއް ނޫނެވެ… މައިކް ރޯޖަރސްއަށް ވޯޓު ދެއްވާ! އޭނާއަށް މަގޭ ފުރިހަމަ ތާއީދު އެބައޮތެވެ. އަދި އޭނާ ތިޔަބޭފުޅުން މާޔޫސެއް ނުކުރާނެއެވެ!
’ވަރަށް ތަފާތު ދެ އެމެރިކާއެއް'
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ސިޔާސީ މާހިރުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ ގަސްދުގައި ރޭވިގެން އައްސައްޔޮދުގެ އަގު ވައްޓާލައި މުސްލިމުންނަށް ހުތުރު އެރުވުމަށް ބޭނުން ކުރާ އިސްލާމޯފޯބިއާގެ ސިޔާސީ އުކުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކެއަރގެ މިޝިގަން ގޮފީގެ އެގްޒެކެޓިވް ޑިރެކްޓަރު ދާއޫދު ވަލީދު ކުރިން ފާހަގަކުރެއްވި ގޮތުގައި، އައްސައްޔިދުގެ މެދުނަމަށް ބާރުއެޅުމުގެ މަގުސަދަކީ އޭނާއަކީ އެމެރިކާއަށް ބޭރުން އައިސް ހުރި "ބޭރު މީހެއް" ކަމަށް ދެއްކުމަށް ޓްރަމްޕް ކުރާ މަސައްކަތެއް ކަމަށެވެ.
މި ކުރިމަތިލުން އައިސްފައިވަނީ އޮގަސްޓް 15 ގައި ޓްރަމްޕް ހިއްސާކުރެއްވި މީމްއަކަށްފަހުއެވެ. އެ މީމްގައި ޓްރަމްޕާއި ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕްގެ ފޮޓޯއަކާއެކު، އައްސައްޔިދާއި ހިޖާބު އަޅައިގެން ހުރި އޭނާގެ އަންހެނުން ޑރ. ސާރާ ޖުކާކޫގެ ފޮޓޯއެއް އަޅާކިޔައި، "ވަރަށް ތަފާތު 2 އެމެރިކާ" ގެ ނަމުގައި ލިޔެފައިވެއެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނީ އެކަކު ހިޖާބު އަޅާފައިވާ އިރު އަނެއްކަކީ އޭނާގެ ގުނަވަންތައް ދައްކައިގެން ވިޔަފާރިއާއި މަޝްހޫރު ކަން ހޯދާފައިވާ ހުނަރެއް ނެތް މީހަކަށް ވާއިރު ހިޖާބު އެޅި އަންހެނާއަކީ ހުނަރުވެރި އިލްމީ ގާބިލު އިއްފަތްތެރިކަން ދައްކާ އަންހެނެއް ކަމަށެވެ!
ސީއެންއެންގައި ވާހަކަދައްކަވަމުން އައްސައްޔިދު ވަނީ ޓްރަމްޕްގެ އެ އަޅާކިއުމަށް ސީދާ ޖަވާބެއް ދެއްވާފައެވެ:
"އާނއެކެވެ، އަހަރެމެންގެ އެބައޮތް އެމެރިކާއާމެދު ތަފާތު ދެ ތަޞައްވުރެއް. ޑޮނަލްޑް ޓްރަމްޕްގެ ތަޞައްވުރަކީ މިހާރު ތިޔަބޭފުޅުން ތަޙައްމަލު ކުރައްވަމުން ތިޔަގެންދަވާ ތަޞައްވުރެވެ. ތެލުގެ އަގު ހެޔޮހެއްޔެވެ؟ ކާބޯތަކެތި އަތްފޯރާފަށުގައި ހެއްޔެވެ؟"
މިޝިގަން ޔުނިވަރސިޓީގެ ސިޔާސީ ސައިންސްދާން ޑރ. ނަޒީތާ ލާޖުވަރްދީ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގޮތްގޮތަށް ޓްރަމްޕްގެ ބަކުވާސް ވާހަކަދެއްކުމުގެ ބޭނުމަކީ މުސްލިމް ކެންޑިޑޭޓުންނަކީ ބޭރުއައިސް ތިބި މީހުން ކަމަށް ދެއްކުން ކަމުގައި ވީނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ހަރުކަށި ހަމަލާތަކުގެ ސަބަބުން އަސަރުކުރާ މުޖުތަމައުތައް ސިޔާސީ ކަންކަމުގައި ބައިވެރިވުން އިތުރުވެގެންދެއެވެ.
ފްރާންސްގެ މުޒާހަރާތަކާއި މުސްލިމުންނާ ގުޅުވައި ދެއްކެވި ވާހަކަ
ޓްރަމްޕްގެ ސޯޝަލް މީޑިއާ ބަޔާނުގައި ފްރާންސްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަށްވެސް އިޝާރާތްކުރައްވާފައިވެއެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޓީޗަރުން މަދުވުމާއި ކްލާސްރޫމްތައް ބާރުބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތަކަކީ "އެއްއިރެއްގައި މަތިވެރިކޮށް އޮތް ގައުމެއް އިސްލާމްދީނުގެ ނުފޫޒުން އަތުލައިގަންނަން އުޅޭ އުޅުމެކެވެ." ފްރާންސްގެ މި މުޒާހަރާތަކުގައި ތަފާތު ނަސްލުތަކުގެ 250,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
މި ހަމަލާއަކީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ގެންގުޅުއްވާ ފުޅާ އިސްލާމޯފޯބިއާގެ ސިޔާސަތުތަކުގެ ބައެކެވެ. ހައިރާން ވާން ޖެހޭ ކަމަކީ މިކަންކަމަށް ޓްރަމްޕަށް ހިތްވަރު ދެނީ ގަލްފްގެ ފޮށާއެޅި އަރަބިން ކަމުގައި ވުމެވެ.
އޭގެ ތެރޭގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތައް ހިމެނޭހެން 39 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން ވެސް ޓްރަމްޕް ވަނީ މަނާކޮށްފައެވެ.
މިޝިގަން ސެނެޓް އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ވޯޓުތައް އޮތްގޮތް
ބަހުގެ ހަމަލާތައް ވަރުގަދަ ކުރި ނަމަވެސް، ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ރޯޖަރސްއަށްވުރެ މުސްލިމު ކެންޑިޑޭޓް އައްސައްޔިދު ކުރީގައި އުޅުއްވާ ކަމަށެވެ:
| ސާވޭ | ސާމްޕަލް / ތާރީޚު | މާޖިން އޮފް އެރަރ | އަބްދުލް އައްސައްޔިދު (ޑީ) | މައިކް ރޯޖަރސް (އާރް) |
| ފޮކްސް ނިއުސް | 1,028 ވޯޓުލާނެކަމަށް ބެލެވޭ މީހުން (ސެޕްޓެމްބަރު 24–28) | ±3.0% | 50% | 49% |
| ބިގް ޑޭޓާ ޕޯލް | 678 ވޯޓުލާނެކަމަށް ބެލެވޭ މީހުން (ސެޕްޓެމްބަރު 22–24) | ±4.0% | 46.7% | 42.1% |




