ޣައްޒާ ބޮޑު ކަމަކަށް ނުވޭ! ސައޫދީ އެއާޕޯޓެއްގެ ބިއްލޫރި ތަޅައިގެން ދިއުމުން ބަޔާންތައް ނެރޭ

ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވިތާ އެއް އަހަރު ފުރުނުއިރު، އިސްރާއީލުގެ ސިފައިން ހިންގާ ހަމަލާތަކާއި އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެ އެއްބަސްވުމަކީ "ހަމައެކަނި ކަރުދާހުގައި އޮތް އެއްޗަކަށް" ވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ 100 އަށްވުރެ ގިނަ ޖަމާއަތްތަކުން ހުކުރު ދުވަހު ބުނެފިއެވެ.

އެ ޖަމާއަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، އެއްބަސްވުމަށްފަހު ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި، މަދުވެގެން 324 ކުޑަކުދިންނާއެކު 1,400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ސޭވް ދަ ޗިލްޑްރެންގެ ޗީފް އެގްޒެކެޓިވް އިންގަރ އަޝިން ވިދާޅުވީ، ކުޑަކުދިން މެރުން ހުއްޓުމެއްނެތި ކުރިއަށްދާނަމަ، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް އޮތުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި އެއްބަސްވުން އިއުލާނުކުރި ފަހުން، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކުޑަކުއްޖަކު މަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުން، "ރީނދޫ ރޮނގު" ޣައްޒާގެ އެތެރެއަށް ފުންކޮށް ދަމާފައެވެ. މިއާއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ ތޮތްޖެހިފައިވާ ސަރަހައްދުތަކުގައި ތާށިވެފައެވެ.

ނޯވީޖަން ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔާން އޭގެލަންޑް ވިދާޅުވި ގޮތުގައި، އިސްރާއީލުން އިމާރާތްތައް މަރާމާތު ކުރުމަށާއި ތަކެތި ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ވަނީ މުޅިން ހުއްޓިފައެވެ.

އަދިވެސް ގާތްގަނޑަކަށް 2 މިލިއަން މީހުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާއިރު، ޣައްޒާގެ އިމާރާތްތަކުގެ 80 އިންސައްތައަށްވުރެ ގިނަ ބައި ވަނީ ހަލާކުވެފައެވެ. ފިނި މޫސުން ކައިރިވަމުންދާއިރު، ރައްޔިތުންނަށް ޖެހިފައި ވަނީ ރައްކާތެރިކަމެއް ނެތް އިމާރާތްތަކުގައި ނުވަތަ ފިނިގަދަ ވައިގަދަ ހާލަތުގައި ޓެންޓުތަކުގައި ދިރިއުޅޭށެވެ. ސެޕްޓެމްބަރު މަހު ޣައްޒާ ސިޓީގައި ހަލާކުވެފައި އޮތް އިމާރާތެއް ވެއްޓުމުގެ ސަބަބުން 12 ކުޑަކުދިން ހިމެނޭހެން 21 މީހުން މަރުވެފައިވާ ކަމަށް އެ ޖަމާއަތްތަކުން ބުންޏެވެ.

މީގެއިތުރުން، ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން އެއްވެސް ހޮސްޕިޓަލެއް ފުރިހަމަ ކެޕޭސިޓީގައި މަސައްކަތް ނުކުރާއިރު، ބޭހާއި ސިއްހީ އާލާތްތަކާއި ތެލުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މަދުވެގެން 4,000 ކުޑަކުދިން ހިމެނޭހެން 18,500 އަށްވުރެ ގިނަ ބަލިމީހުން ސިއްހީ ފަރުވާއަށް ބޭރަށް ނުވަތަ އެހެން ތަންތަނަށް ގެންދަންޖެހިފައިވާއިރު، އެމީހުންގެ އިންތިޒާރުގައި ތިއްބައި 1,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި އަހަރު ނިމެންދެން 1.4 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މީހުން މެރުން ހުއްޓުވުމަށާއި، އެހީ ފޯރުކޮށްދިނުމުގެ މަގުތައް ހުޅުވާލުމަށާއި، އަދި ކުށްވެރިން ޒިންމާދާރުކުރުމަށް ގޮވާލާފައެވެ. އޭމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވީ، "ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ފޮރުވައެއް ނުލެވޭނެ" ކަމަށެވެ.

ހިއްސާ ކުރައްވާ!