ޓްރަމްޕަށް ކޯޓު ފަހައި ދެނީ ބަނގްލަދޭޝް ކުންފުންޏަކުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ނެބްރަސްކާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ބޭނުންކުރެއްވި ނޭވީބްލޫ ކުލައިގެ ސޫޓަކީ، ބަންގްލަދޭޝްގެ ނަރާއިންގަންޖު ސަރަހައްދުގައި ހުންނަ އާދަމްޖީ އެކްސްޕޯޓް ޕްރޮސެސިންގ ޒޯން (އީޕީޒެޑް) ގައި އުފައްދާފައިވާ ކޯޓެއްް ކަން އެ ފެކްޓަރީ ހިންގާ ފަރާތުން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޖޮސް. އޭ. ބޭންކް" ގެ މި ސޫޓު އުފައްދާފައިވަނީ ޔުނިވާސަލް މެންސްވެއަރ ލިމިޓެޑުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝަރީފް ޒާހިރު ވިދާޅުވީ، އޮކްޓޯބަރު 5 ވަނަ ދުވަހު ގްރޭންޑް އައިލެންޑްގައި ބޭއްވި "މޭކް އެމެރިކާ ގްރޭޓް އެގެއިން" ކެމްޕޭން ޖަލްސާގައި ޓްރަމްޕް މި ސޫޓު ތުރުކުރައްވާ ފައިވާ ކަމަށެވެ. އެ ސޫޓުގެ ބްރޭންޑާއި އުފެއްދި ގައުމު ހާމަވުމާއެކު، ބަންގްލަދޭޝްގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ބައިނަލްއަގުވާމީ މައިދާން ގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

އެ ގުރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަދި ބަންގްލަދޭޝް ގާމަންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން ގެ ކުރީގެ ޑައިރެކްޓަރެއް ކަމަށްވާ ޒާހިރު ސިފަކުރެއްވި ގޮތުގައި، ޓްރަމްޕް އެކުުންފުނީގެ އުފެއދުމެއް ތުރުކުރެއްވުމަކީ އެ ކުންފުނީގެ މަސައްކަތްތެރިންނަށާއި މުޅި ބަންގްލަދޭޝްގެ ފޭރާމުގެ ސިނާއަތަށް ލިބުނު ފަޚުރެކެވެ.

އެމެރިކާގެ ރައީސަކު އަގުހެޔޮކޮށް ލިބެންހުރި ބަންގްލަދޭޝްގެ އުފެއްދުމެއް އިޚްތިޔާރުކުރެއްވުމުން ދައްކުވައިދެނީ، އެ ގައުމުގެ އުފެއްދުންތެރިކަމުގެ ފެންވަރާއި ވާދަވެރި އަގުތަކުގައި ފެންވަރު ރަނގަޅު ހެދުން އުފެއްދުމުގެ ގާބިލުކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިވާސަލް މެންސްވެއަރ އިން ދަނީ ބައިނަލްއަގުވާމީ މާކެޓަށް ސޫޓާއި، ބްލެޒާއާއި، ޖެކެޓުގެ އިތުރުން ފަޓުލޫނު އުފައްދަމުންނެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، ގާތްގަނޑަކަށް 500,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި މި ފެކްޓަރީ ހިންގަމުންދާއިރު، ފޮތި ކެނޑުމަށް ޒަމާނީ އޮޓޮމެޓިކް ނިޒާމުތަކާއި ޚާއްސަ މެޝިނަރީސް ވަނީ ބޭނުންކޮށްފައެވެ.

ޔޫރަޕްގެ މާކެޓް މިހާރު ފުރިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތައް ހޯދުމަށް އެންމެ ރަނގަޅު މާކެޓަކަށް ވެފައިވަނީ އެމެރިކާ ކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ. އެމެރިކާގެ ޓެރިފް އޮނިގަނޑުގެ ސަބަބުން ވިއެޓްނާމް ފަދަ ވާދަވެރިންނާ އެއްވަރަށް މާކެޓްގައި ހިފެހެއްޓުމުގެ ފުރުސަތު ބަންގްލަދޭޝަށް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޕޮލިސްޓާ އަދި ނައިލޯން ފޭބްރިކް އުފެއްދުމަށް އިތުރު އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، ބަންގްލަދޭޝްގައި ފުން ބަނދަރެއް ނެތުމުގެ ސަބަބުން މުދާ ފޮނުވުމަށް 30 ދުވަހާ ގާތްކުރާ މުއްދަތެއް ހޭދަވެ، އިތުރު ލަސްތަކާ ކުރިމަތިވާ ކަމަށް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެމެރިކާގެ އޮފީސް އޮފް ޓެކްސްޓައިލް އެންޑް އެޕަރެލް (އޮޓެކްސާ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ފޭރާމުގެ ބާވަތްތައް އެތެރެކުރާ މިންވަރު ދަށަށް ގޮސްފައިވެއެވެ. ނަމަވެސް، ބަންގްލަދޭޝުން އެތެރެކުރި މިންވަރު އޯގަސްޓް މަހު ވަނީ އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!