އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން އުމަރުގެ ވޮޝިންގޓަންގައި ހުންނަ ގެކޮޅަށް ޓްރަމްޕްގެ އަމުރަށް ފުލުހުން ވަދެ، އެ ތަން ބަލައިފާސްކޮށްފިއެވެ. މިއީ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅޭ ޖިނާއީ މައްސަލައަށް ތުހުމަތުކޮށް އޭނާ ބިރު ގަންނަވާލުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓުކޮށްފައެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗް.އެސް.އައި) ގެ ޖެކެޓުތައް ލައިގެން ތިބި ފުލުހުން ފަތިހޫ އެ ގޭގައި މީހުން ނިދާފައި ތިއްބައި ގެ ވަށާލައި މީހުންނަށް ބިރު ދައްކަމުން ބަލައިފާސްކުރަން ފެށިއެވެ. ޓްރަމްޕްގެ ސަރުކާރުން ބަލަމުންދާ ޖިނާއީ ތަހުގީގުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ތަހުގީގަކީ ސޯމާލިއާއަށް އުފަން އިލްހާން އުމަރު ކުޑަކުއްޖެއްގެ ގޮތުގައި އެމެރިކާއަށް ހިޖުރަކުރިއިރު، އޭނާގެ ނިޔާވެފައިވާ ބައްޕަ ފުރާފައިވާ އިމިގްރޭޝަން ފޯމުތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކޮށްފައިވާތީ އެކަމާ ގުޅިގެން ހިންގާ ތަހުގީގެކެވެ.
އުމުރުން 44 އަހަރުގެ އިލްހާން އުމަރަކީ މިނެސޯޓާގެ ފިފްތު ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލުކުރައްވާ، 2018 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ހަރަކާތްތެރިވާ މެންބަރެކެވެ. އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ "ދަ ސްކޮޑް" ނަމަކަށްކިޔާ ގްރޫޕުގައި ހިމެނޭ، ރައީސް ޑޮނަލްޑް ޓްރަމްޕް ކޮށިއަރުވާލާ ބޭފުޅެކެވެ.
ރައީސް ޓްރަމްޕާއި އިލްހާން އުމަރާ ދެމެދު ސިޔާސީ ގޮތުން ބޮޑެތި ޚިޔާލު ޚިލާފުވުންތަކެއް އުފެދިފައިވާއިރު ޓްރަމްޕް ވަނީ އޭނާގެ އަގު ވައްޓާލުމަށް މީގެ ކުރިންވެސް އެތައް މަސައްކަތެއް ކޮށްފައެވޗެ. އަދި މިއީ ޓްރަމްޕްގެ ސަރުކާރުން ނިޒާމީ ސިފައެއްގައި އެމެރިކާގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދައި އިސްލާމޯފޯބިއާގެ އަމަލުތައް ހިންގުމުގެ ބައެކެވެ.
ފެބްރުއަރީ މަހު، ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް އިލްހާން އުމަރާއި ފަލަސްތީނު ދަރިކޮޅުގެ މެންބަރު ރަޝީދާ ތުލައިބު ފާޑުވިދާޅުވުމުން، ޓްރަމްޕް ވަނީ މީސް މީޑިއާ ގައި އެ ދެ މެންބަރުން ގެ އަބުރާ ބެހި އެމެރިކާއިން އެ ދެ ބޭފުޅުން ބޭރުކުރަން ޖެހޭ ކަމަށް ބުނެ ބިރު ދައްކާފައެވެ.
މީގެ ކުރިން ޓްރަމްޕްގެ ނަފްރަތު އުފެއްދުމުގެ ވާހަކަތަކުން ހިތްވަރު ލިބިގެން ޓްރަމްޕްގެ ސަޕޯޓަރަކު އަލްހާން އުމަރުގެެ ގަޔަށް އެސިޑް ޖަހަންވެސް އުޅެފައި ވެއެވެ.






