ތައިވާނާއެކު ގުޅުން ބާއްވާތީ ބެލީޒްއާއި ޕެރަގުއޭގެ ދެ ވަޒީރަކަށް ޗައިނާއިން ފިޔަވަޅު އަޅައިފި

ތައިވާނާއެކު ޚާއްސަ ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ބަހައްޓަމުންދާ މައްސަލައިގައި ބެލީޒްއާއި ޕެރަގުއޭގެ ދެ ވަޒީރަކާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ދެ ބޭފުޅުން ޗައިނާއަށް އެތެރެވުން މަނާކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ވަކިވަކި ދެ ބަޔާނެއްގައިވާ ގޮތުން، ފިޔަވަޅު އަޅާފައިވަނީ ބެލީޒްގެ ޚާރިޖީ ވަޒީރު ފްރާންސިސް ފޮންސެކާ އަދި ޕެރަގުއޭގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް ވަޒީރު ގުސްޓާވޯ ވިލާޓޭއާ ދެކޮޅަށެވެ. އެ އިދާރާއިން ބުނި ގޮތުގައި، މި ދެ ބޭފުޅުންނަކީ ފަހަކަށް އައިސް ތައިވާނާއެކު އޮންނަ ގުޅުމަށް ތާއީދުކޮށް، ޗައިނާގެ މުހިންމު ގައުމީ މަސްލަހަތުތަކަށް ގެއްލުންލިބޭ ގޮތަށް އަމަލުތަކާއި ވާހަކަތައް ބައްޓަންކުރައްވަމުންދާ ބޭފުޅުންނެވެ.

ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ދެ ވަޒީރުން ޗައިނާއަށް އެތެރެވުން މަނާކުރުމާއި، ޗައިނާގައި ހުރި އެ ބޭފުޅުންގެ މާލީ ވަސީލަތްތަކާއި އެސެޓްތައް ފްރީޒްކުރުން ހިމެނެއެވެ. މީގެއިތުރުން ޗައިނާގެ އެއްވެސް ޖަމްއިއްޔާއަކުން ނުވަތަ އަމިއްލަ ފަރުދަކުވެސް މި ދެ ވަޒީރުންނާއެކު އެއްވެސް ކަހަލަ ވިޔަފާރީގެ ނުވަތަ އެހެނިހެން މުއާމަލާތެއް އަދި އެއްބާރުލުމެއް ދިނުން ވަނީ މަނާކޮށްފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ޗައިނާގެ ސިއާދަތާއި، ސަލާމަތީ އަދި ގައުމީ ތަރައްގީގ މަސްލަހަތުތައް ހިމާޔަތްކުރުމާއެކު، "ތައިވާނުގެ މިނިވަންކަމަށް" ގޮވާލައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރުން ކަމަށެވެ.

ތައިވާނަކީ ޗައިނާގެ ބާޣީ ސަރަހައްދެކެވެ. ޗައިނާއިން އަބަދުވެސް ދައުވާކުރަނީ ތައިވާން ޖަޒީރާއަކީ އެ ގައުމުގެ ބައެއް ކަމަށެވެ. ބައިނަލްއަގުވާމީ މައިދާން ގައި "ވަން ޗައިނާ" ސިޔާސަތަށް އިހުތިރާމްކުރުމަށް ޗައިނާއިން ބާރުއަޅަމުންދާއިރު، ތައިވާނާއެކު ރަސްމީ ޑިޕްލޮމެޓުން ގުޅުން ބަހައްޓާ ގައުމުތަކާއި ސިޔާސީ ވެރިންނާ ދެކޮޅަށް ޗައިނާއިން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ހިއްސާ ކުރައްވާ!