އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) އިން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން އުމަރުގެ ވޮޝިންޓަން ޑީސީގައި ހުންނަ ގެކޮޅު ބަލައިފާސްކުރުމާ ގުޅިގެން، އެއީ ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތައް ސިޔާސީ ހަތިޔާރަކަށް ހެދުމަށް ތްރަމްޕް ހިންގި ފިނޑި އަމަލެއް ކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިންގި މި ބަލައިފާސްކުރުމަކީ ފެޑެރަލް ޖިނާއީ ތަހުގީގެއްގެ ބައެއް ކަމަށް ބުނެފައެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ފަތިހު މީހުން ނިދާފައި ތިއްބައި ކުއްލިއަކަށް ހިންގި މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިލްހާންގެ އިމިގްރޭޝަން ލިޔެކިޔުން ތަކަށެވެ. މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، ބަލަމުންދާ ލިޔެކިޔުންތަކުގެ ތެރޭގައި އިލްހާން ކުޑަކުއްޖެއްގެ ގޮތުގައި ހުންނެވިިއިރު، އޭނާގެ މަރުވެފައިވާ ބައްޕަ ފުރާފައިވާ އިމިގްރޭޝަން ފޯމުތައް ހޯދުން ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން މީސް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ހާމަކުރުމެއްގައި އިލްހާން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި، ނަމަވެސް މިއީ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށްގެން ހިންގާ ނޭއްގާނީ އަމަލެއް ކަމަށެވެ.
"މިއީ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަތިޔާރަކަށް ހަދަން ކުރާ މަސައްކަތެއް. ފާއިތުވި ދިހަ އަހަރު ދުވަހު ޓްރަމްޕް ވަނީ އަސާސެއް ނެތް ބުހުތާނު ދޮގު ހަދައި އަބުރު ކަތިލުމަށް ކެމްޕޭން ކޮށް އަހަރެންނަށް ހަމަލަތައް އަމާޒުކޮށްފައި. މިއީ ސިޔާސީ ބިރުދެއްކުމުގެ ސިލްސިލާގެ އެންމެ ފަހުގެ ފިޔަވަޅު،" އިލްހާން ވިދާޅުވިއެވެ. އަދި އަންހެނަކަށް ވީތީ ޓްރަމްޕަށް އޭނާ ފިއްތައި ނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ހައުސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް އާއި، ޑިމޮކްރެޓިކް ވިޕް ކެތުރިން ކްލާކް އަދި ކޯކަސް ޗެއާ ޕީޓް އަގުއިލާރ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ، ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގެކޮޅަށް ފުލުހުން ވަދެގަތުން ކުށްވެރިކުރައްވާފައެވެ. ކުރިއަށް އޮތް މިޑްޓާމް އިންތިޚާބަށް 30 ދުވަހަށްވުރެ ކުރު މުއްދަތެއް އޮއްވައި ހިންގި މި އަމަލަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށާއި، ހޯމްލޭންޑް ސެކިއުރިޓީ އާއި ޖަސްޓިސް ޑިޕާޓްމަންޓް ޖަވާބުދާރީ ކުރުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ޑިމޮކްރެޓިކް މެންބަރު ރޯ ކަންނާވެސް ވަނީ މިއީ ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ނަޒާހަތްތެރި އެމެރިކާ ކޮންމެ ރައްޔިތަކުވެސް މިއާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރިޕަބްލިކަން މެންބަރު ނޭންސީ މޭސް ވަނީ އިލްހާންގެ އިމިގްރޭޝަން މައްސަލަތައް ތަހުގީގުކުރަންޖެހޭ ކަމަށް ބުނެ، މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ ރައްޔިތުކަން އަތުލައި ގައުމުން އަރުވާލަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކުރި ގޮތުގައި، އިލްހާންގެ މަގްބޫލު ކަމާ ހެދި ޒަޔަނިސްޓުން އަޑީގައި ތިބެގެން އޭނާގެ އިމިގްރޭޝަން ތާރީޚާ ގުޅޭގޮތުން ކޮންޒަވޭޓިވް ފަރާތްތަކުން ތުހުމަތުތަކެއް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެކަށީގެންވާ ހެކި ހުށަހެޅިފައެއް ނުވެއެވެ. އިލްހާން އާއި އޭނާގެ ޓީމުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.
އިންތިޚާބުގެ 60 ދުވަސް ކުރިން ސިޔާސީ ގޮތުން ނާޒުކު މައްސަލަތަކުގައި ފާޅުކަން ބޮޑު ފިޔަވަޅުތައް ނޭޅުމުގެ އާދައެއް ޖަސްޓިސް ޑިޕާޓްމަންޓުގައި އޮވެއެވެ.
ނަމަވެސް މި އޮޕަރޭޝަން ހިންގާފައިވަނީ އެ އުސޫލާ ޚިލާފަށް އިންތިޚާބާ ދިމާކޮށެވެ. މީގެ ކުރިން، ސެޕްޓެމްބަރު މަހު ބޯޑަރު ކަންކަމާ ބެހޭ މަސްއޫލުވެރިޔާ ޓޮމް ހޯމަން އާއި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުއްލިން ވަނީ އިލްހާންގެ އާއިލާ އެމެރިކާއަށް ހިޖުރަކުރި ގޮތާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އިޝާރާތް ކުރައްވާފައެވެ.
ނަމަވެސް، މި ތަހުގީގާ ގުޅޭ ސީދާ ތަފްސީލީ ހެކިތަކެއް ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައެއް ނުވެއެވެ.






