ސައިޕްރަސްގެ ބިންތައް ޔަހޫދީން ގަންނަމުންދާތީ ކަންބޮޑުވުން އިތުރުވެއްޖެ

އިސްރާއީލުގެ އިންވެސްޓަރުންނާއި އާންމުން ސައިޕްރަސްގެ ދެކުނު ސަރަހައްދުތަކުން ބޮޑެތި ބިންތަކާއި ރިއަލް އެސްޓޭޓް މަޝްރޫއުތައް ގިނައިން ގަންނަމުންދާތީ، އެ ޖަޒީރާގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލި، އިޖުތިމާއީ ފޭރާމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ސައިޕްރަސްގެ އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑުވެއްޖެއެވެ.

ސައިޕްރަސްގެ ލޭންޑް ރެޖިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި މައުލޫމާތުތަކުން ދައްކާ ގޮތުގައި، 2021 އާއި 2024 އާ ދެމެދު އެކަނިވެސް ޔަހޫދީން ވަނީ ސައިޕްރަސްގެ އައްސޭރިފަށުގެ މުހިންމު ތިން ސަރަހައްދެއް ކަމަށްވާ ލާރްނަކާ، ޕަފޯސް އަދި ލީމާސޯލް އިން 3,851 އާއި 3,909 އާ ދެމެދުގެ އަދަދަކަށް ބިމާއި އިމާރާތްތަކުގެ ރެޖިސްޓްރީ ބަދަލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ވިޔަފާރި ހިންގާފައިވަނީ ލާރްނަކާގައެވެ.

އިސްރާއީލުގެ މީޑިއާ އަންދާޒާކުރާ ގޮތުގައި، ސައިޕްރަސްއިން ދެވަނަ ގެދޮރުގެ ގޮތުގައި ނުވަތަ އިންވެސްޓްމަންޓްގެ ގޮތުގައި ބިން ގަނެފައިވާ އިސްރާއީލު މީހުންގެ އަދަދު 20,000 އަށް އަރައެވެ. އަދި އޭގެ ތެރެއިން އެތައް ހާސް އާއިލާއެއް ވަނީ ސައިޕްރަސްގައި ދާއިމީކޮށް ވަޒަންވެރިވެފައެވެ. 2018 ވަނަ އަހަރުން ފެށިގެން އިސްރާއީލު މީހުން ސައިޕްރަސްއަށް ހިޖުރަކުރާ މިންވަރު އިތުރުވާން ފެށި ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި ޖެނޮސައިޑް ހަނގުރާމަ ފެށި ފަހުން މި އަދަދު ވަނީ އިތުރުވެފައެވެ.

އިސްރާއީލުގެ އިންވެސްޓަރުން ސައިޕްރަސްއަށް އިސްކަންދޭ މުހިންމު ސަބަބުތަކުގެ ތެރޭގައި އެ ގައުމާއި ސައިޕްރަސްއާ ދެމެދު އޮތް ކައިރިމިން ހިމެނެއެވެ. އެއީ ބޯޓުގައި 40 މިނެޓުގެ ދަތުރެކެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމަކަށް ސައިޕްރަސް ވުމާއި، ލުއި ޓެކްސްގެ އުސޫލުތަކާއި "ގޯލްޑަން ވިސާ" ލިބޭ އިންވެސްޓްމަންޓް ފުރުސަތުތައް ހިމެނެއެވެ. މީގެ ތެރޭގައި އިސްރާއީލުގެ ފައްތާލް ހޮޓެލް ގްރޫޕުން އެތައް ހޮޓާ މަޝްރޫއުތައް ހިންގުމާއި، 110 މިލިއަން ޑޮލަރުގެ ލާރްނަކާ ޕާމް ބީޗް ހޮޓާ އަލުން ތަރައްގީކުރުމާއި، 40 މިލިއަން ގެ އަކުއާ ރެސިޑެންސީސްގެ ބިޔަ ޓަވަރުތައް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ޒީގީ ސަރަހައްދުގައި ހިނގާ "ކެރޮބް ގާޑަންސް" މަޝްރޫއުގެ ދަށުން ޔަހޫދީންނަށް ޚާއްސަ އަޅުކަންކުރާ ތަންތަނާއި ކޯޝާރް ޚިދުމަތްތަކާއެކު ބޮޑެތި ޓައުންޝިޕްތައް ދަނީ ހަދަމުންނެވެ.

ނަމަވެސް، މިފަދަ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ސައިޕްރަސްގެ އާންމު ރައްޔިތުންނަށް ބިމާއި ގެދޮރު ގަންނަން ލިބޭ އަގުތައް އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުންދާ ކަމަށް އިދިކޮޅު އޭކޭއީއެލް (އޭކެލް) ޕާޓީއާއި މިނިވަން މެންބަރުން ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، ވަކި ގައުމެއްގެ ބަޔަކު އެއް ސަރަހައްދެއްގެ ބިންތައް އެއްކޮށް ގަނެ، އަމިއްލަ ސަގާފަތާއި ނިޒާމުތައް ގާއިމުކުރުމަކީ 1974 އިން ފެށިގެން ގްރީކް ސައިޕްރިއަޓުންނާއި ތުރުކީ ސައިޕްރިއަޓުންގެ މެދުގައި ބެހިފައިވާ މި ޖަޒީރާގެ މަސްރަހު އިތުރަށް ގޯސްވެ، ސިޔާސީ އަދި އާބާދީގެ ބަދަލުތަކެއް އަތުވެދާނެ ކަމެކެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން އިސްރާއީލުގެ މަސްއޫލުވެރިންނާއި އިންވެސްޓަރުން ބުނަނީ، މިއީ ކުރިން އިނގިރޭސިވިލާތާއި ރަޝިޔާގެ އިންވެސްޓަރުންވެސް ސައިޕްރަސްގައި ހިންގި ފަދަ އާންމު ވިޔަފާރީގެ އިންވެސްޓްމަންޓްތަކެއް ކަމަށެވެ. އަދި މިއީ ސައިޕްރަސްގެ އިގްތިސާދަށް ފައިދާހުރި ކަމެއް ކަމަށާއި، ވަކި ގައުމެއްގެ ބަޔަކަށް އަމާޒުކޮށް ފާޑުކިޔުމަކީ އެންޓި-ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް އުފެއްދުން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ސައިޕްރަސް ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަމުންދިޔަ ނަމަވެސް، އީޔޫއިން ބޭރުގެ ފަރާތްތަކަށް ބިން ގަނެވޭނެ އުސޫލުތައް ހަރުކަށިކުރުމާ މެދު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި މިހާރު ދަނީ ބަހުސްކުރެވެމުންނެވެ.

ހިއްސާ ކުރައްވާ!