ބަންގްލަދޭޝްގައި "އިއްތިހާދުލް އުންމާ" އުފައްދަން އުޅުނު ބަޔަކު ހައްޔަރުކޮށް ތަހުގީގު ފަށައިފި

ބަންގްލަދޭޝްގައި "އިއްތިހާދުލް އުންމާ" ގެ ނަމުގައި އާ ހަރުކަށި ޖަމާއަތެއް އުފައްދައި، ޚިލާފަތެއް ގާއިމުކުރުމަށް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށް، އެ ގައުމުގެ ޖާސޫސީ  އިދާރާތަކުން ތަހުގީގެއް ފަށައިފިއެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ޞަލާޙުއްދީން އަޙްމަދު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ޖަމާއަތުގެ މައުލޫމާތު ތިލަވެފައިވަނީ ވެރިރަށް ޑާކާގެ ތެޖްގާއޯން ކޮލެޖް މިސްކިތުގައި ސިއްރު ބައްދަލުވުމެއް ބާއްވަނިކޮށް ހައްޔަރުކުރި 23 މީހުންގެ މޯބައިލް ފޯނުތަކުގެ ފޮރެންސިކް ތަހުގީގާއި، އެމީހުންނާ ސުވާލުކުރުމުގެ ތެރެއިންނެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު 18 ވީ ހުކުރު ނަމާދަށްފަހު ފުލުހުންނަށް ލިބުނު ޚާއްސަ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ހައްދުފަހަނައަޅާފަވާ ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ އެއްވެސް ވަރަކަށް ދޫ ދިނުމެއް ނެތް ހަރުކަށި ސްޓްރެޓެޖީ އެއް ކަމަށެވެ. އަދި ބޭރުގެ ހައްދުފަހަނައަޅާފަވާ ޖަމާއަތްތަކާ މި ގްރޫޕާ ގުޅުން އޮތްތޯ ޖާސޫސީ  އިދާރާތަކުން އަންނަނީ ބަލަމުންނެވެ. އދ އިންވެސް ވަނީ މީގެ ކުރިން އަލްޤާއިދާ ފަދަ ޖަމާއަތްތަކުގެ ނެޓްވޯކްތައް ދެކުނު އޭޝިއާގެ ސަރަހައްދުގައި ފެތުރެމުންދާތީ އިންޒާރު ދީފައެވެ.

މި މީހުން ހައްޔަރު ކުރުމާ ގުޅިގެން، ސެޕްޓެމްބަރު 19 ވީ ހޮނިހިރު ދުވަހު މީރްޕޫރު އަދި މަދްޔަ ބައްޑާ ސަރަހައްދުގައި ތިން ބަހެއްގައި ރޯކޮށް، ދެކުނު ކެރާނީގަންޖްގައި ޕިކަޕް ވޭނެއްގައި ވަނީ ރޯކޮށްލާފައެވެ. އަދި ޑާކާގެ އެކި ތަންތާނގައި އަތު ބޮންތަކެއް ގޮއްވައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ވަނީ މަސައްކަތްކޮށްފައެވެ. އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ގޮތުން ނާކާމިޔާބުވެފައިވާ ފަރާތްތަކުން ގައުމުގެ މަސްރަހު ނުތަނަވަސްކުރަން ހިންގާ އަމަލުތަކެކެވެ.

ބަންގްލަދޭޝްގައި ޖުލައި މަހު ހިންގި އާންމުންގެ އުތުރިއެރުމުގެ ތެރޭގައި ޖަލުތަކުން ފިލި 690 އަށްވުރެ ގިނަ ކުށްވެރިންގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވިފައިވާ ހަރުކަށި ލީޑަރުން ހިމެނެއެވެ. ޖަލުތަކާ ބެހޭ އިދާރާގެ އިންސްޕެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ސައްޔިދު މުތާހިރު ޙުސައިން ވިދާޅުވި ގޮތުގައި، ފިލި މީހުންގެ ތެރެއިން ޓެރެރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 3 ލީޑަރަކު އަދިވެސް ނުހޯދެއެވެ. މީގެއިތުރުން ނަރްސިންގްދީ ޖަލުން އެކަނިވެސް ހައްދުފަހަނައަޅާފަވާ 27 މީހަކު ފިލާފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ނޫރު ޚާން ލިޓަން ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދެ އަހަރު ދުވަހު މިފަދަ ގްރޫޕްތައް މޮނިޓަރ ކުރި މިންވަރާމެދު ސުވާލު އުފެދޭ ކަމަށާއި، އެމީހުން އަލުން ހަރަކާތްތައް ރާވާކަމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ސަރުކާރުން ވަނީ ހައްދުފަހަނައަޅާފަވާ ހަރަކާތްތައް މުޅިން ނައްތާލުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. ސަރުކާރުގެ އިންފޮމޭޝަން އެޑްވައިޒަރު ޒާހިދު ރަޙްމާން ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި  ރައްކާތެރި ކަމަށްޓަކައި، ހައްދުފަހަނައަޅާފަވާ ފިކުރުތައް ނައްތާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!