ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ހަނިކޮށް ޚަބަރު ފެތުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ޕާކިސްތާނުގައި ހިނގަމުންދާ ސަލާމަތީ އަދި ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި، ޓީވީ ޗެނަލްތަކުން މީހުންނަށް ނުތަނަވަސްވާ ފަދަ ކަބަރުތައް ގެނަސްދިނުން މަނާ ކޮށްފިއެވެ. އެގޮތުން ބޮން ގޮވުންތަކާއި، ބަޑީގެ ޙަމަލާތައް ފަދަ ޙާދިސާތައް ސީދާ ގެނެސްދިނުމާއި، އެފަދަ "ހިތާމަވެރި" މަންޒަރުތައް ބްރޯޑްކާސްޓްކުރުން އެ ޤައުމުގެ މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. މީޑިއާއަށް އަލަށް އަންގާފައިވާ މި އައު އަމުރުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބައިނަލްއަޤުވާމީ ނޫސްވެރިންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕާކިސްތާނުގެ އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕެމްރާ) އިން އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ނެރެފައިވާ ބަޔާނުގައިވާ ގޮތުން، ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މީޑިއާއިން ދެން ގެނެސްދޭން ވާނީ ހަމައެކަނި ސަރުކާރާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ރަސްމީކޮށް ކަށަވަރުކޮށްދޭ މަޢުލޫމާތު އެކަންޏެވެ. އަދި ސަލާމަތީ ބާރުތަކުގެ ތަފްޞީލުތަކަށް ބަރޯސާވެގެން ނޫނީ ޚަބަރުތައް ގެނަސް ނުދިނުމަށާއި، ޚަބަރު ފެތުރުމުގައި ވަގުތުގެ ފަރަޤު ނުވަތަ ޓައިމް ޑިލޭއެއް ބޭނުން ކުރުމަށް ވަނީ އަންގާފައެވެ. މި އަމުރުތަކާ ޚިލާފުވާ މުއައްސަސާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕެމްރާއިން އިންޒާރުދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާ އާ ވާހަކަދައްކަވަމުން ނޫސްވެރިންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ކޮމިޓީ (ސީ.ޕީ.ޖޭ) ގެ ފަރާތުން އަފްޣާނިސްތާނާއި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ޙަޤީޤީ މަޢުލޫމާތު ލިބުމުގެ ޙައްޤު ގެއްލޭނެ ކަމަށެވެ. އަދި ސަލާމަތީ ޚަބަރުތައް ސަރުކާރުގެ ފަރާތުން ކޮންޓްރޯލު ކުރާ ވަސީލަތަކަށް ބަދަލުވެގެންދާ ކަމަށެވެ. އަދި މިފަދަ ހުރަސްތައް ވަގުތުން އަނބުރާ ގެންދިއުމަށް އެ ފަރާތުން ވަނީ ޕެމްރާއަށް ގޮވާލާފައެވެ.

މިފަދަ ގައިޑްލައިންތަކެއް ޕާކިސްތާނުގައި އެންމެ ފުރަތަމަ ތަޢާރަފުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ނަމަވެސް މިހާރު މި ފިޔަވަޅުތައް އަލުން ތަންފީޒުކުރަން ފަށާފައި މިވަނީ، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި، ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި ސަރުކަރު އުވާލައި ގޮރްނުދޯރުގެ އަމުރު ހިންގާފައިވާ މައްސަލަ ހޫނުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ ބައިނަލްއަޤުވާމީ ނޫސްވެރިންނަށް ވެސް ވިސާއާއި އަދި ސަރަހައްދުތަކުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާފައިވާފައެވެ.

ހިއްސާ ކުރައްވާ!