ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރު ހަރުފަތަކަށް ދިޔުމަށް މަގުފަހިވެގެންދާނެއެވެ.
މިއަދު ސޮއިކުރެވުނު މި އެމްއޯޔޫއަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒު ހިފައިގެން އެކުލަވާލެވުނު އެއްބަސްވުމެއް ނޫނެވެ. މީގެ މައިގަނޑު އެއް ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ކާގޯގެ ޚިދުމަތް ފުޅާކުރުމާއި، ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ސީދާ އުދުހުންތައް ފެށުމުން، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ކުރަންޖެހޭ ޚަރަދުތަކާއި ހޭދަވާ ވަގުތު ނުހަނު ބޮޑުތަނުން ސަލާމަތްވެގެންދާނެއެވެ.




