އެމެރިކާއާއި އިސްރާއީލުން އިތުރު ހަނގުރާމައެއް ފަށައިފިނަމަ، އެ ކަމުގެ އަގު އީރާނުގެ ވަށައިގެންވާ ހުރިހާ ފަރާތްތަކަކުންވެސް ދައްކަންޖެހޭނެ ކަމަށް ބުނެ، ޚަލީޖުގެ 7 ގައުމެއްގައި ހުރި މުހިންމު އަމާޒުތަކަށް ހަމަލާ ޘޭން އީރާނުން ކަނޑައަޅައިފިއެވެ.
އެމެރިކާއާއި އިސްރާއީލުން ނޮވެމްބަރު ފުރާތަމަ ހަފްތާގައި އީރާނަށް ހަމަލާ ދޭނެ ކަމަށް ބެލެވެއެވެ.
އީރާނުން ރައްދު ހަމަލާ ދޭން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ދަނޑު ކަމަށްވާ ޣަވާރު ފީލްޑާއި، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 7 މިލިއަން ފީފާ ތެޔޮ ޕްރޮސެސްކުރާ އަބްޤައިޤް ތެޔޮ ރިފައިނަރީ ހިމެނެއެވެ. މީގެ އިތުރުން ސައުދީގެ ވެރިރަށުގައި އެމެރިކާއާ ގުޅުންހުރި އޭއައި އިމާރާތްތަކާއި ޕްރިންސް ސުލްތާން ސިފައިންގެ ބޭސްގެ އިމާރާތްތައްވެސް މި ލިސްޓުގައި ހިމެނެއެވެ.
މި ސަރަހައްދުގެ އެހެނިހެން ގައުމުތަކަށް ބަލާއިރު، ޔޫރަޕާއި އޭޝިޔާ އިން ގޭހަށް ބަރޯސާވާ ޤަތަރުގެ ރައުސް ލައްފާން އަދި ނޯތު ފީލްޑްގެ އިތުރުން އަލް އުދައިދު ސިފައިންގެ ބޭސް ވެސް އަމާޒަކަށް ކަނޑައަޅާފައިވެއެވެ. އަދި ބަހްރެއިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒާއި، ސިތުރާ ރިފައިނަރީގެ އިތުރުން އެމެރިކާގެ ކްލައުޑް ކޮމްޕިއުޓިންގް އިމާރާތްތައްވެސް ހިމެނެއެވެ.
ކުވެއިތުގެ ބަރްގާން ތެޔޮ ނަގާ ދަނޑާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރުވައިސް ރިފައިނަރީއާއި ކަނޑުގެ ޒަކޫމް ތެލުގެ ދަނޑުގެ އިތުރުން އެމެރިކާއާ ގުޅުންހުރި އޭއައި ކޮމްޕްލެކްސްތަކާއި ކްލައުޑް ކޮމްޕިއުޓިންގް އިމާރާތްތަކަށް ހަމަލާދިނުމުގެ އަމާޒުތައް ވަނީ ކަނޑައަޅާފައެވެ. މިއާއެކު އީރާޤުގެ ބަސްރާ މެދުވެރިކޮށް ކަނޑުމަގުން ތެޔޮ ފޮނުވާ ސަރަހައްދުތަކާއި، އޮމާނު ކައިރިން ދާ ދުނިޔޭގެ ބޮޑެތި އިންޓަނެޓް ކޭބަލްތައް ހިމެނޭ 7 ސަބްމެރީން ކޭބަލް ވެސް ހަމަލާތައް އަމާޒު ކުރާ މި ލިސްޓުގައި ހިމެނިފައި ވެއެވެ.






