އދ. ގެ ސެކިއުރިޓީ ކައުންސިލަށް އަވަސް އިޞްލާޙުތަކެއް ގެންނަން އިންޑިޔާއިން ގޮވާލައިފި

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ އޮނިގަނޑަކީ 1945 ވަނަ އަހަރުގެ ދުނިޔޭގެ މަސްރަހަށް ބިނާކޮށް އެކުލަވާލެވިފައިވާ އޮނިގަނޑެއް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތައް ތަމްސީލުކުރުމަށްޓަކައި އެ ކައުންސިލަށް މާނަހުރި އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް އިންޑިޔާއިން ބުނެފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ސެކިއުރިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، ހަމަހަމަކަމާއެކު ތަމްސީލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އެމްބެސަޑަރު ޕަރްވަތަނެނީ ހަރީޝް ވިދާޅުވީ، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ އަދި ދާއިމީ ނޫން މެންބަރުންގެ ގޮނޑިތައްވެސް އިތުރުކުރެވެންޖެހޭ ކަމަށެވެ. އަދި 80 އަށްވުރެ ގިނަ އަހަރު ކުރިން ހިނގާދިޔަ ބޮޑު ހަނގުރާމައެއްގެ ނަތީޖާއިން މިއަދުގެ ދުނިޔޭގެ ހާލަތު ކަނޑައެޅިގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"1945 ވަނަ އަހަރަކީ މިއަދުގެ ޖީލަށް އޮތް އެކަނި ރެފަރެންސްޕޮއިންޓް ކަމުގައި ހެދިގެން ނުވާނެ. ފަސްފަހަތް ބަލާ ލޯގަނޑަށް އެކަނި ބަލައިގެން ކުރިއަށް ދަތުރުކުރުމަކީ ތަނަވަސް ވިސްނުމެއް ނޫން،" ހަރީޝް ވިދާޅުވިއެވެ.

ހަރީޝް ވަނީ ދުނިޔޭގެ ބޮޑެތި ހަނގުރާމަތަކުގައި އިންޑިޔާއިން ކޮށްފައިވާ ޤުރުބާނީތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2.5 މިލިއަން އިންޑިޔާ ސިފައިން ބޮޑު ހަނގުރާމައިގައި ބައިވެރިވިކަމާއި، އޭގެ ތެރެއިން 90،000 ސިފައިން ނިޔާވިކަން ފާހަގަކުރެއްވިއެވެ. އަދި އިސްތިއުމާރީ ސިޔާސަތުތަކުގެ ސަބަބުން ބެންގާލް ބޮޑު ތަދުމަޑުކަމުގައި 4 މިލިއަނަށްވުރެ ގިނަ މީހުން މަރުވިކަން ހަނދާން ކޮށްދެއްވަމުން އޭނާ ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ނަތީޖާއިން ނުކުތް "ކާމިޔާބު ހޯދި ފަރާތްތަކުގެ" މަޞްލަޙަތުގައި އެކުލަވާލި އޮނިގަނޑުން ހަނގުރާމައިގެ އަނިޔާ ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފަރުވާއެއް ދީފައިނުވާ ކަމަށެވެ.

މީގެއިތުރުން، ސެކިއުރިޓީ ކައުންސިލް އިޞްލާޙުކުރުމަށްޓަކައި ހިންގާ އިންޓަރގަވަރންމެންޓަލް ނެގޯޝިއޭޝަންސް (އައި.ޖީ.އެން) ގެ މަސައްކަތްތައް 15 އަހަރަށްވުރެ ދިގު ލައިގެން ގޮސްފައިވާއިރުވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭތީ އިންޑިޔާއިން ވަނީ ފާޑުކިޔާފައެވެ. ސެކިއުރިޓީ ކައުންސިލްގައި އެޝިއާ-ޕެސިފިކް، އެފްރިކާ އަދި ލެޓިން އެމެރިކާގެ ޤައުމުތައް ތަމްސީލުވަނީ ވަރަށް ކުޑަކޮށް ކަމަށާއި، ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ އެޝިއާ-ޕެސިފިކް ސަރަޙައްދަށް އޮތީ އެންމެ ދާއިމީ ގޮނޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވީޓޯ ކުރުމުގެ ބާރާ ގުޅޭގޮތުން އިންޑިޔާގެ ސިޔާސަތު ބަދަލު ނުވާކަން ހާމަކުރައްވަމުން ހަރީޝް ވިދާޅުވީ، ވީޓޯގެ ބާރު ދަމަހައްޓާނަމަ، އެ ބާރު އައު އަދި ކުރީގެ އެންމެހައި ދާއިމީ މެންބަރުންނަށްވެސް ލިބެންޖެހޭނެ ކަމަށެވެ. އަދި ސެކިއުރިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ސުލްހަ ބަލަހައްޓާ ސިފައިން ފޮނުވާ ޤައުމުތަކުގެ ހިއްސާ ބޮޑުކޮށް، ނިންމުންތައް ނިންމުމުގައި ެފުށް ފެންނަކަން އިތުރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނިއުދިއްލީއިން އުންމީދުކުރަނީ އަންނަ 81 ވަނަ އދ. ގެ އާންމު މަޖިލީހުގެ ދައުރުގައި މި އިޞްލާޙީ މަސައްކަތްތަކަށް ސަރީޙަ ނަތީޖާއެއް ލިބިގެންދިއުން ކަމަށް އިންޑިޔާގެ މަންދޫބު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!