ޓްރަމްޕްގެ ހަނގުރާމައާ ހެދި ޔޫރަޕްގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ދެކޮޅަށް އާންމުން މުޒާހަރާގައި

ދިރިއުޅުމުގެ ޚަރަދާއި ގެދޮރުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ތައުލީމީ ދާއިރާއަށް ކުރާ ޚަރަދު ކުޑަކޮށް ސިފައިންނަށް ކުރާ ޚަރަދު ބޮޑުކުރުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ. ފްރާންސް، އިޓަލީ، ސްޕެއިން، ޕޯޗުގަލް އަދި އަލްބޭނިއާ ފަދަ ގައުމުތަކުގައި ހިންގަމުންދާ މި މުޒާހަރާތަކާ ގުޅިގެން މަސްރަހު ނތަނަވަސްވެ އަމަންއާމަންކަން ބެލެހެއްޓުމަށްޓަކައި އެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން މަގުތަކަށް ނެރެފައެވެ.

މި މުޒާހަރާތަކުގެ ތެރެއިން މިލާން، ޕެރިސް އަދި ޓިރާނާ ފަދަ ބޮޑެތި ސިޓީތަކުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އާންމުގެ މުދަލާއި އަދި ދައުލަތުގެ މުދަލަށް ގެއްލުންދީ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފްރާންސްގެ ލިޔޯން، ތުލޫޒް އަދި ނާންތު ފަދަ ރަށްތަކުގައި ކުރިއަށްދިޔަ އެއްވުންތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. އަދި "ޔެލޯ ވެސްޓް" ހަރަކާތުން ޕެރިސްގައި ބޭއްވުމަށް ރޭވި މުޒާހަރާތަކަކީ ޣައިރުޤާނޫނީ އެއްވުންތަކެއް ކަމަށް ކަނޑައެޅުމާ ގުޅިގެން، ޕެރިސް ވަނީ ސިފައިންނާއި ފުލުހުން ނެރެ ބަންދުކޮށްފައެވެ. އެހެންނަމަވެސް، ހުއްދަ ނުދޭ ނިންމުމާ ދެކޮޅަށް ވާާތު ފިޔާގެ ސިޔާސީ ޕާޓީތަކާއި ލޭބާ ޔޫނިއަންތަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި، ބާސްޓީލް ސަރަހައްދަށް އެއްވެފައެވެ.

އިޓަލީގައި "އޮކްޓޯބަރު 17 ހަރަކާތް" ގެ މެމްބަރުން އިސްނަގައިގެން މިލާން، ރޯމް، ޓުރިން އަދި ނޭޕްލްސްގައި މުޒާހަރާތަކެއް ދަނީ ބާއްވަމުންނެވެ. ރޯމްގެ ޕިއާޒާ ދެލާ ރެޕަބްލިކާއަށް 1,500 އަށްވުރެ ގިނަ ދަރިވަރުން އެއްވެފައިވާއިރު، މިލާންގެ މަސްރަހު ކޮންޓްރޯލްކުރުމަށް ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މަގުތަކަށް މަދުވެގެން 500 ސިފައިން ނެރުއްވައި، ހަމަނުޖެހުން ހިންގާ ކުޑަކުދިންނަށް ދެވޭ އަދަބުތައް ވަރުގަދަކުރައްވާނެ ކަން އިއުލާނުކުރައްވާފައެވެ.

ސްޕެއިންގެ މެޑްރިޑްގައި ޕެންޝަނަރުން ވަނީ އެކަށީގެންވާ ޕެންޝަނެއް ދިނުމަށާއި އިންފްލޭޝަނާ އެއްވަރަށް އަގުތައް ހެޔޮކުރުމަށް އެދި އަމާން މުޒާހަރާއެއް ކޮށްފައެވެ. އަދި ޕޯޗުގަލްގެ ލިސްބަންގައި ގެދޮރުގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް ދަރިވަރުންނާއި އާންމުން ދަނީ އަޑުއުފުލަމުންނެވެ.

އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ތައުލީމީ ވުޒާރާއާއި ބޮޑުވަޒީރުގެ އޮފީސް ކުރިމައްޗަށް އާންމުންނާއި ދަރިވަރުން އެއްވެ ކުރި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. ހާލަތު ފިނިކުރުމަށްޓަކައި އަލްބޭނިއާގެ ބޮޑުވަޒީރު ވަނީ ދަރިވަރުންނާއެކު މަޝްވަރާކުރުމަށް ފަސްވަނަ ފަހަރަށް ދައުވަތު ދެއްވާފައެވެ.

ހިއްސާ ކުރައްވާ!