ބޭރު ގައުމުތަކަށް ގޮސް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ފޮނުވާ ފައިސާއަކީ އެ ގައުމުގެ އިގްތިސާދާއި އާއިލާތަކުގެ ދިރިއުޅުމުގެ މައިބަދަ ކަމަށްވީ ނަމަވެސް، ބޭރު ގައުމުތަކުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 15,000 އަށްވުރެ ގިނަ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރާއި ކޮންސިއުލާ އޮފީސްތަކުން އެކަށީގެންވާ ގާނޫނީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން ނުދާ ކަމަށް ހާމަވެއްޖެއެވެ.
ބޭރު ގައުމުތަކުގައި ހައްޔަރުކުރަ މަސައްކަތްތެރިންގެ އާއިލާތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބަންގްލަދޭޝްގެ އެމްބަސީތަކާއި ކޮންސިއުލާ ޚިދުމަތްތައް ވަނީ އެ ގައުމުގެ މީހުންގެ ހައްގުގައި ވަރަށް ބޮޑަށް އިހުމާލު ވެފައެވެ.
- ތައިލަންޑުގައި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ، އަނިޔާލިބި ޖަލަށްލެވުނު މީހެއްގެ މައުލޫމާތު އޭނާގެ އާއިލާއަށް ލިބުނީ އެމްބަސީގެ ފަރާތުންނެއް ނޫނެވެ. ނަމަވެސް، ޖަލުން މިނިވަންވެގެން އެނބުރި ގައުމަށް އައި އެހެން މީހެއްްގެ ފަރާތުންނެވެ. މި މައްސަލައިގައި ޚާރިޖީ ވުޒާރާއަށް މައްސަލަ ހުށަހެޅިތާ ދެ މަސް ދުވަސް ވީއިރުވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.
- ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ހިނގި މުޒާހަރާއަކާ ގުޅިގެން ނޭނގި ތިއްބައި ހައްޔަރުކުރި އަންހެން ކުއްޖެއްގެ ތިން ބޭބެއިންގެ މައްސަލައިގައިވެސް އެމްބަސީން ހަރަކާތްތެރިވާން ފެށީ ބަންގްލަދޭޝްގައި އާންމުން މުޒާހަރާ ކޮށް އަޑުއުފުލައި، ސިޔާސީ ގޮތުން މައްސަލަ ބޮޑުވުމުންނެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ބޭރު ގައުމުތަކުގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝް މީހުންގެ ދެބައިކުޅައެއްބައި މީހުން ތިބި ސައޫދީ އަރަބިއްޔާގައި ކަމަށް ވުމެވެ.
އެގައުމަކީ އެންމެ، ފަހުން މަރުގެ އަދަބު ތަންފީޒުކުރި ދެ މީހުން މެރުމަށް ހުކުމް ކުރި ގައުމެވެ. އެމީހުންގެ މައްސަލައަކީ ހަރަމްފުޅުގައި މަދުއަޚުލާގީ އަމަލެއް ހިންގުން ކަމަށް ވެއެވެ.، އަދި 2023ގެ މި މައްސަލާގައި އެންމެ މަތީ ކޯޓުން ކުރި ހުކުމަށް ދަރުބާރުން އާނބަސް ބުނީ މިއަހަރު އެވެ.
ޖިއްދާގައި ހުންނަ ކޮންސިއުލަޓަށް އެ ދެ މީހުންގެ ނަން ޖަލު ލިސްޓުން ލިބުނު ނަމަވެސް، އެ މީހުންނަށް މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާކަން އެމްބަސީއަކަށް ނޭނގުނެވެ. މަރުގެ އަދަބު ދޭ ގައުމެއްގައި ތިބި ގައިދީންގެ މައުލޫމާތު ލިބުމާއެކު، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންސިއުލާ އޮފީސްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ. އެކަން ބަންގްލަދޭޝް އެމްބަސީން ކޮށްފައެއް ނުވެއެވެ.
މި މައްސަލަތަކާ ގުޅިގެން ބަންގްލަދޭޝްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ސްޓޭޓް މިނިސްޓަރު ޝާމާ އުބައިދު އިސްލާމް ވަނީ އަނިޔާލިބޭ އާއިލާތަކުން ސީދާ އެކަމަނާއަށް އީމެއިލް ކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، މިއީ އެކަމަށް އޮތް އިދާރީ ނިޒާމު ފެއިލްވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް މީޑިއާގައި ބުނފައި ވެއެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.
- އެގޮތުން ބަންދު މީހުންގެ މައުލޫމާތާއި ކުރެވިފައިވާ ތުހުމަތުތަކާއި، ހުކުމުގެ މުއްދަތު އެނގޭނެ ފަދަ ޑޭޓާބޭސެއް ގާއިމް ކުރުމަށް ގޮވާލާފައި ވެއެވެ.
- މަރުގެ އަދަބު ދެވިދާނެ ފަދަ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ވަގުތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް އުފައްދަން ވެސް އެދިފައި ވެއެވެ.
- އެމްބަސީތަކުގައި ވަކީލުންނާއި ވެލްފެއާ އޮފީސަރުން ބައިތިއްބައި، ހައްޔަރުކުރެވޭ މީހުންގެ މައުލޫމާތު ވަގުތުން ހިއްސާކުރުމަށް ގައުމުތަކުގައި އެދެންޖެހެއެވެ.
ބަންގްލަދޭޝްގެ އިގްތިސާދު ބޭރުގައި މަސައްކަތްކުރާ ރައްޔިތުން ފޮނުވާ ފައިސާގެ މައްޗަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، އެ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ފާހަގަކުރެއެވެ.



