ސަރުކާރުން މީޑިއާ ހިންގަން ފައިސާ ދެނީ މީޑިއާ ކޮންޓްރޯލު ކުރުމަށް ކަމަށް ބުނެ މުޒާހަރާ ކުރަނީ

ޗެކް ރިޕަބްލިކްގެ ސަރުކާރުން އެ ގައުމުގައި މީޑިއާ ހިންގުމަށް ފައިސާ ދިނުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމުމުން އެކަމާ ދެކޮޅަށް، އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާތައް ފެށުނީ، ޗެކް ރިޕަބްލިކްގެ އާންމު ޓީވީ އަދި ރޭޑިއޯ އަށް އާންމު ގޭބިސީތަކުން ނަގަމުން އައި ފީ އުވާލައި، އެ އިދާރާތަކަށް ސަރުކާރުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ހުށަހެޅި ބިލަށް ގާނު ހަދާ މަޖިލީހުން އަވަސް އަރުވާލައިގެން ދަންވަރު ނެގި ވޯޓެއް ފާސްވުމާ ގުޅިގެންނެވެ.

އިދިކޮޅު ފަރާތްތަކާއި މީޑިއާގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން މީޑިއާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ މީޑިއާގެ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރު ވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ރާވަމުންދާ ހީލަތްތެރި ރޭވުމެކެވެ.

ޗެކް ޖުމްހޫރިއްޔާގެ ބިލިއަނަރު ބޮޑުވަޒީރު އަންދްރޭ ބާބިޝްގެ ޕޮޕިއުލިސްޓް ސަރުކާރާއި ކަނާތުފިޔައިގެ ހަރުކަށި އެސްޕީޑީ ޕާޓީ ގުޅިގެން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މި އިސްލާހަށް ބަހުސް ކުރުން ވަނީ މަޖިލީހުގެ ރައީސް ތޯމިއޯ އޮކާމޫރާ  ކޮނޓްްރޯލު ކުރައްވާފައެވެ.

އާދީއްތަ ދުވަހުގެ ފަތިހު 4:36 ގައި ނެގި ވޯޓާއެކު ބިލު ވަނީ ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފޮނުވާފައެވެ.

މި ކަމާ ގުޅިގެން މުޒާހަރާގެ އިސް ހަރަކާތްތެރިޔާ މިކުލާޝް މިނާރް ވިދާޅުވީ، ދަންވަރުގެ ވަގުތެއްގައި ގާނޫނު ހަދާ މަޖިލިސް ހުޅުވައިގެން ވޯޓު ނެގުމުން ސަރުކާރުގެ ނިޔަތް ސާފުވާ ކަމަށާއި، މިއީ ސަރުކާރުގެ ހައްދުފަހަނައަޅައި ގޮސްފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

ޕްރާގްގެ ތާރީޚީ މައިދާނަށް އެއްވި މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވައި، އަޑުއުފުލާފައެވެ.

ޗެކް ޓެލެވިޒަންއަކީ އެ ގައުމުގައި އެންމެ ގިނަ މީހުން އިތުބާރު ކުރާ ޓީވީ ޗެނަލެވެ. އަދި މިއީ އެންމެ މަގްބޫލު ޗެނަލްވެސް މެއެވެ.

މި ބިލު ގާނޫނަކަށް ވެއްޖެނަމަ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެކް ޓީވީއަށް ލިބޭ އާމްދަނީގެ 15 އިންސައްތަ އުނިވެގެންދާނެއެވެ. މިއީ ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ވެރިކަމުގައި މީޑިއާއަށް ނުފޫޒު ފޯރުވުމަށް ހިންގެވި ފަދަ އަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

މި މައްސަލައިގައި ވިލާތުގެ މީޑިއާ އިއްތިހާދު (އީބީޔޫ) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް އާއެކު 15 ޖަމާއަތަކުން ވަނީ މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އަދި ޗެކް ރިޕަބްލިކްގެ ރައީސް ޕީޓާ ޕާވެލްވެސް ވަނީ މީޑިއާގެ މާލީ މިނިވަންކަން ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ވިދާޅުވެ، މީސް މީޑިއާ ގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!