މެދުއިރުމަތީގެ ހަމެޖހުން ދެމެހެއްޓުމަށްޓަކައި ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ އިސް ސެކިއުރިޓީ އަދި ދިފާއީ ވެރިން އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެން މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނައިބު ސެކްރެޓަރީ އަލީ ބަޣޭރީ، ވިދާޅުވި ގޮތުގައި، ތެހެރާނުގައި ބާއްވާ މި ބައްދަލުވުމުގައި ސައޫދީގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އާއި، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރުގެ އިތުރުން ތުރުކީގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ އިބްރާހީމް ކަލިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބޭފުޅުން މަޝްވަރާ ކުރައްވާނީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީއާއެކުގައެވެ.
އަލީ ބަޣޭރީ ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ގަލްްފްގެ އަމާންކަން، ބޭރުގެ ނުފޫޒުތަކާ ނުލައި، ސަރަހައްދީ ގައުމުތައް ގުޅިގެން ގާއިމުކުރުމަށް އީރާނުން ގެންގުޅޭ ސްޓްރެޓެޖީ ގެ ދަށުން ކުރިއަށްދާ ކަމެކެވެ. އޭނާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ފޯރުވާ ނުފޫޒުތަކާ ދެކޮޅަށް އީރާނުގެ ސިފައިންނާއި ރައްޔިތުން ދެއްކެވި ހިތްވަރުގެ ސަބަބުން، އަމިއްލަ ގާބިލުކަމުގެ މައްޗަށް ބިނާވެފައިވާ ދިފާއީ މޮޑެލްއަކީ ކާމިޔާބު ނަމޫނާއެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ އަމަލުތަކަކީ މުޅި ސަރަހައްދީ އަމަންއާމަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
މި މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުން މިދަނީ، ޔަމަނުގެ ހޫޘީ ޖަމާއަތުން ސޫދީ އަރަބިއްޔާގެ ރަށްތަކަށާއި ސިނާއީ ވަސީލަތްތަކަށް އަދި މައްކާއާއި މަދީނާއަށް އަމާޒުކޮށް ދެމުންދާ ހަމަލާ ތަކާ ގުޅިގެން، ސޫދީ އަރަބިއްޔާއާއި، ތުރުކީ އަދި ޕާކިސްތާން ގުޅިގެން "މައްކާ ޑިފެންސް އެލަޔަންސް" ގެ ދަށުން ކުއްލި ދިފާއީ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު 5 ގައި ރިޔާޟުގައި ބޭއްވި ކުއްލި ސަމިޓް ގައި، ސައޫދީއަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ތުރުކީއާއި ޕާކިސްތާނުގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ސޫދީ އަރަބިއްޔާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ފޮނުވުމަށް ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މައްކާ އިއްތިހާދުގެ ދަށުން ތުރުކީއާއި ޕާކިސްތާނުގެ ސިފައިން ސޫދީއަށް ފޮނުވުމަށް ނިންމި ނިންމުމަށް ތާއީދުކުރައްވައި، އެއީ ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މައްކާ އެއްބަސްވުމުގެ ދަށުން އިއްތިހާދުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕާކިސްތާނުގެ ސިފައިންގެ ރިޓަޔަރޑް ލެފްޓިނެންޓް ޖެނެރަލް ނުއުމާން މަހްމޫދު ވަނީ އައްޔަންކުރައްވާފައެވެ.






