ޔަމަނުގެ ހޫޘީ ޖަމާއަތުން ސޫދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި، އީރާނުން މެދުވެރިއަކަށްވެގެން ހިންގި މަޝްވަރާތަކެއްގެ ތެރެއިން ސޫދީން ހޫޘީންނަށް 1 ބިލިއަން އެމެރިކާ ޑޮލަރު ހުށަހެޅި ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފިއެވެ. އާންމު ކޮށް މިފަދަ ވާހަކަތައް އިސްރާއީލު އިން ފަތުރަނީ ފިތުނަ އުފެއްދުމަށެވެ!
ޚަލީޖުގެ ޑިޕްލޮމެޓުންނާ ހަވާލާދީ އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކަށް ސޫދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފައެވެ. އަދި ހޫޘީންނަށް ފޯރުކޮށްދިނުމަށް ހުށަހެޅި 1 ބިލިއަން ޑޮލަރު ސޫދީ ދިފާއީ ވަޒީރު ތެހެރާނަށް ވަޑައިގެންނެވި ހަރކިއުލީސް އަސްކަރީ އުޅަނދުގައި ގެންދެވި ކަމަށްވެސް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް ސޫދީގެ ރަސްމީ ފަރާތަކުން އެ ފައިސާ ފޮނުވިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ތެހެރާނުގައި ބޭއްވި މި ބައްދަލުވުމުގައި ސޫދީގެ ދިފާއީ ވަޒީރުގެ އިތުރުން ތުރުކީގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ އިބްރާހީމް ކަލިން އާއި، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ބައިވެރިވެވަޑައިގެންނެވިއެވެ. އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއާން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހްސިން ރެޒާއީ އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ އިސް މަސްއޫލުވެރިންވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތެވެ.
މި މަޝްވަރާތައް އީރާނުން މެދުވެރިވެގެން ފެށީ، ސޫދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށާއި ތެޔޮ އުފައްދާ ކާރުޚާނާތަކަށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސޫދީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ އުޅަނދުފަހަރަށް ދެވޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
މި ދަތުރުފުޅާ ގުޅިގެން ސޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އާއި މައްކާ ޖޮއިންޓް ޑިފެންސް އެލަޔަންސްގެ މެމްބަރު ގައުމުތަކުގެ މަންދޫބުން ތެހެރާނަށް ކުރެއްވި ދަތުރުފުޅަކީ، މަސްރަހު ފިނިކޮށް، ޑިޕްލޮމެޓިކް ހައްލުތަކަށް މަގުފަހިކުރުމަށާއި، ގަތަރާއި ޕާކިސްތާނުން މެދުވެރިއަކަށްވެގެން ކުރިއަށްގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ސޫދީ މަސްއޫލުވެރިޔަކު އިސްރާއީލުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައިސާ ބަދަލުކުރިކަން ކަށަވަރު ނުކުރެވުނު ނަމަވެސް، ހޫޘީންނާއެކު އުފެދިފައިވާ ޚިލާފް ތަކަކީ މީގެ ތިން އަހަރު ކުރިން ވެފައިވާ ފަހުމުނާމާ ތަކާ ގުޅުންހުރި ކަންކަން ކަމަށެވެ. އެ އެއްބަސްވުންތަކުގެ ދަށުން، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ މުސާރަ ދިނުމަށާއި، އާންމު ވަސީލަތްތައް އާބާތުރަފިލުވުމަށް ސޫދީން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އޭގެ ބަދަލުގައި ހޫޘީން ސޫދީއަށް ދޭ ހަމަލާތައް ހުއްޓާލަންޖެހެއެވެ.
ނަމަވެސް، ފާއިތުވި މަސްތަކުގައި ސޫދީން އެ އެއްބަސްވުންތަކަށް އަމަލުކޮށްފައިނުވާ ކަމަށް ބުނެ ހޫޘީން ވަނީ އަލުން ހަމަލާ ދޭން ފަށާފައެވެ. ސޫދީ އަރަބިއްޔާގެ މައިގަނޑު ނުކުތާއަކީ "އަސްކަރީ މަޖުބޫރުކުރުންތަކަށް" ދީލާނުލުމާއި، ރިޔާޟުން ތާއީދުކުރާ ޔަމަނުގެ ގާނޫނީ ސަރުކާރުގެ ކިބައިން ހޫޘީން ހިފާފައިވާ ސަރަހައްދުތައް އަނބުރާ ދިނުމުގެ ކުރިން ފައިސާ ދޫނުކުރުމެވެ.







