ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް، ބައިނަންސްގެ ސެކިއުރިޓީ ނިޒާމު ފޭލިވެ، 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ޑިޖިޓަލް ވަސީލަތްތަކެއް ވަގަށް ނަގައިފިއެވެ. މިއީ ތާރީޚުގައިވެސް ކްރިޕްޓޯކަރަންސީގެ މައިދާން ގައި ހިންގި އެންމެ ބޮޑު ވައްކަމުގެ ހާދިސާއެވެ.
މި ސެކިއުރިޓީ ހާދިސާ ހިންގާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ. ބައިނަންސްއިން ހިންގި ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އެ ކުންފުނީގެ އިންޖިނިއަރެއްގެ ލެޕްޓޮޕް ހެކްކޮށްގެންނެވެ. ހެކަރުން ވަނީ ސަރވިސް ކޮންޓޭނަރަށް ވަދެ، އެކްސްޗޭންޖްގެ ހޮޓް ވޮލެޓްތަކުން ފައިސާ ނެގުމުގެ މުއާމަލާތްތަކެއް ހިންގާފައެވެ. ނަމަވެސް، ވޮލެޓްތަކުގެ ޕްރައިވެޓް ކީ ލީކުވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އެ ކުންފުނިން ބުނެއެވެ.
ތަހުލީލުތަކުން ހާމަވާ ގޮތުގައި، ހަތަރު ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނުވަ ނުވަތަ ދިހަ ބްލޮކްޗެއިންއެއްގައި ހުރި 17 ވޮލެޓަކުން ވަނީ ފައިސާ ނަގާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިޓްކޮއިން، އީތަރ، ސްޓޭބަލްކޮއިން ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން ބައިނަންސްއިން ވަނީ ސިނާއީ ބައިވެރިންނާ ގުޅިގެން، ގެއްލުނު ވަސީލަތްތަކުގެ ތެރެއިން ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރުގެ އެސެޓް ފްރީޒްކޮށްފައެވެ. ނުހޯދި އަދިވެސް 3.3 ބިލިއަން ޑލަރު އެބައޮތެވެ. މީގެ ތެރޭގައި ސީދާ ފްރީޒްކުރަން އުނދަގޫ ބިޓްކޮއިން އާއި އީތަރ ހިމެނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުުެއެޅުމެއްގެ ގޮތުން ބައިނަންސްއިން ވަނީ ފައިސާ ޖަމާކުރުމާއި ނެގުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެ ކުންފުނީގެ ކޯ-ސީއީއޯ ޔީ ހޭ އަދި އިސް މަސްއޫލުވެރިން ކަށަވަރުކޮށްދެއްވާ ގޮތުގައި، ކަސްޓަމަރުންގެ ފައިސާ އޮތީ ރައްކާތެރިކޮށް ކަމަށާއި، ލިބުނު ގެއްލުންތައް ކުންފުނީގެ "ސެކިއުރ އަސެޓް ފަންޑް ފޯ ޔޫޒަރސް" (ސޭފް) އާއި ކޯޕަރޭޓް ވަސީލަތްތައް ބޭނުންކޮށްގެން ހަމަޖައްސައިދޭނެއެވެ.






