އެފްރިކާގެ ފިލްމު އުފައްދާ ފަރާތްތަކަށް އޭއައި ތަމްރީނު ދިނުމަށް އިދުރިސް އެލްބާ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

އެފްރިކާ ބައްރުގެ ފިލްމީ ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރްޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފިލްމު އުފެއްދުމަށް އާފްރިކާގެ އީޖާދީ ފަރާތްތަކަށް ތަމްރީނު ދޭ ޚާއްސަ ޕްރޮގްރާމެއް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިދުރިސް އެލްބާ އިފްތިތާހުކޮށްފިއެވެ.

ގޫގުލްއިން ފޯރުކޮށްދިން 1 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމާއެކު، އެލްބާގެ "އަކޫނާ ގްރޫޕް" އިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް އެފްރިކާގައި ޒުވާނުން ތަމްރީނުކުރަން ފަށާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު  ދެނީ ގާނާ، ކެންޔާ، ނައިޖީރިއާ، ސިއެރާ ލިއޯން އަދި ދެކުނު އާފްރިކާގައި ދިރިއުޅޭ ފިލްމު އުފައްދާ ފަރާތްތަކަށެވެ.

ހޮލީވުޑްގެ ބައެއް ދާއިރާތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމާމެދު ސުވާލުު އުފެދިފައިވީ ނަމަވެސް، އެފްރިކާގެ މީޑިއާއާއި މުނިފޫހިފިލުވުމުގެ ސިނާއަތުގައި އޭއައި ބޭނުންކުރުމަށް އޮތް ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. މިއީ އީޖާދީ ފުރުސަތުތައް ފުޅާކުރުމުގެ އިތުރުން، މާލީ އެހީތެރިކަން ނުލިބުމުގެ ސަބަބުން މަޝްރޫއުތައް ހުއްޓޭ މައްސަލައަށް ހައްލެއް ހޯދައި، ހަރަދުތައް ކުޑަކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން އުފައްދާ ފިލްމުތަކުގެ ފުރިހަމަ މިލްކުވެރިކަން ލިބޭނީ ފިލްމު އުފެއްދި ފަރާތްތަކަށެވެ. ނަމަވެސް، ބައިވެރިންގެ އަތުގައި އިތުބާރު ހުރި އިންޓަނެޓް ޚިދުމަތާއި މެދުކެނޑުމެއްނެތް ކަރަންޓުގެ ޚިދުމަތް އޮންނަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މައިންބަފައިން ގާނާ އާއި ސިއެރާ ލިއޯންއަށް ނިސްބަތްވާ އިނގިރޭސި އެކްޓަރު އިދުރިސް އެލްބާއަކީ އެފްރިކާ ބައްރުގެ އީޖާދީ ސިނާއަތްތައް ތަރައްގީކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ފަރާތެކެވެ. ނަމަވެސް، އޭއައި ބޭނުންކޮށްގެން ފިލްމު އުފެއްދުމަށް އެފްރިކާގެ އީޖާދީ ފަރާތްތަކަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓްރަކްޗަރަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. އޭގެ ތެރޭގައި އެކަށީގެންވާ އިންޓަނެޓް ސްޕީޑް ނުލިބުމާއި، ކަރަންޓުގެ ޚިދުމަތް ގަވާއިދުން ނުލިބުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!