ތައުލީމީ ނިޒާމުގައި އާރްޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ޔޫއޭއީން އިސްނަގައިފި

ތައުލީމީ މަންހަޖުގައި އާރްޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށި ފުރަތަމަ ގައުމުގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެއްޖެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިންނަށް އޭއައި ކިޔަވައިދިނުމާ މެދު ބަހުސްތައް ކުރެވެމުންދާ ދަނޑިވަޅެއްގައި އަޅާފާއިވާ މުހިންމު ފިޔަވަޅެކެވެ.

ޔޫއޭއީގެ ސްކޫލުތަކުގައި ކުޑަކުދިންނަށް ސްޓޯން އޭޖް ނުވަތަ ހިލަ ޒަމާނުގެ ގަދީމީ ހަޒާރާއާ ބެހޭ ގޮތުން ކިޔަވައިދިނުމުގައި ވާޗުއަލް ރިއަލިޓީ (ވީއާރު) އާއި އޭއައި ޓެކްނޮލޮޖީ ބޭނުންކުރަން ފަށައި ތަޖުރިބާ ކޮށްފައި ވެއެވެ. ދުބާއީގެ ގްރަބީ ސްކޫލުގެ ފައުންޑިންގ ޕްރިންސިޕަލް ހެންރީ ޕްރައިސް ވިދާޅުވި ގޮތުގައި، އޭއައިއަކީ މާއްދާއެއް ކިޔެވުމާއި ލިޔުމާއި ފިކުރުކުރުމުގެ ބަދަލުގައި އެކަންކަން އިތުރަށް ފުރިހަމަކޮށްދީ އާ ފުރުސަތުތަކެއް ހުޅުވައިދޭ ވަސީލަތެކެވެ. އަދި އޭއައި ބޭނުންކޮށްގެން ދަރިވަރުންނަށް އަމިއްލައަށް ރަނގަޅު ސުވާލުތައް ކުރަން ދަސްކޮށްދިނުމަކީ މިކަމުގެ މައިގަނޑު އަމާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިބްތިދާއީ ތައުލީމދޭ މަރުހަލާތަކުގައި އޭއައި ކިޔަވައިދިނުމުގައި ޔޫއޭއީން ގެންގުޅެނީ ވަރަށް ހަރުދަނާ އުސޫލެކެވެ. ދުބާއީގެ ސްކޫލުތަކުގައި ކުދިންނަށް އޭއައި ބޭނުންކުރުމުގެ ފުރުސަތު ދޭއިރު މުދައްރިސުންގެ ބެލުމުގެ ދަށުން ޓެކްނޮލޮޖީ މަސައްކަތްކުރާގޮތާއި، އޭގެ ހައްލުތަކާއި ލިމިޓުތައް ދަސްކޮށްދެއެވެ.

ދުބާއީގެ ނޮލެޖް އެންޑް ހިއުމަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕޮލިސީސް އެންޑް ރިސާޗްގެ ސީއީއޯ ސައީދު ޚަރްބާޝް ވިދާޅުވީ، ޓެކްނޮލޮޖީގެ އެހީގައި ކުދިންގެ އުމުރާ އެކަށގެންވާ ގޮތަށް މާނަވީ ތައުލީމެއް ފޯރުކޮށްދިނުމަކީ އަބަދުވެސް ޔޫއޭޓއިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ކުދިންގެ ޒާތީ ތަޖުރިބާތަކާއި އިޖުތިމާއީ ހުނަރުތަކަށް ބުރަނުކޮށް، އޭއައިގެ އެހީގައި ކިޔަވައިދިނުމުގެ ނިޒާމު ބައްޓަންކުރުމަށް ޚާއްސަ ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު، ކޮންމެ ގައުމާކުންވެސް އޭއައި ބޭނުންކުރުމުގައި ތަފާތު ސިޔާސަތުތައް ގެންގުޅެއެވެ. ޗައިނާއިންވެސް ތައުލީމީ ދާއިރާގައި އޭއައިއަށް ބޮޑު ސަމާލުކަމެއް ދެމުންދާއިރު، އެމެރިކާގެ ނިއުޔޯކް ސިޓީ އާއި ނޯވޭފަދަ ގައުމުތަކުގައި ވަނީ ޕްރައިމަރީ ސްކޫލުތަކުގައި ޖެނެރޭޓިވް އޭއައި ބޭނުންކުރުން ހަރުކަށިކޮށް މަނާކޮށްފައެވެ. އެއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭއައި ސޭފްޓީ އޭޝިއާގެ ސީއީއޯ އެޑްވާޑް ޓްސޮއި ވިދާޅުވީ، ކުދިން އަމިއްލައަށް އުނދަގޫ ކަންކަމާ ކުރިމަތިލައިގެން މައްސަލަތައް ހައްލުކުރަން ދަސްނުކޮށް އޭއައި މެދުވެރިކޮށް ސިކުނޑިއަށް ބުރަކޮށްފިނަމަ، އެ ކުދިންގެ ވިސްނުމުގެ ގާބިލުކަން ނެތިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ޔޫއޭއީން ކުރާ މަސައްކަތަކީ ސީދާ އޭއައި ޓޫލްސް ކުދިންނާ ހަވާލުކުރުމުގެ ބަދަލުގައި، ޓެކްނޮލޮޖީއާ މެދު ފުންކޮށް ވިސްނާނެ ގޮތް ދަސްކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!