ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ރޯގާ ކަންޓްރޯލްކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެފްރިކަން ޔޫނިއަން (އޭޔޫ) ގެ ސްޓޭންޑްބައި ޕީސްކީޕިންގ އަދި ހިއުމަނިޓޭރިއަން ފޯސް ހަރަކާތްތެރިކުރުމާމެދު ގޮތެއް ނިންމައިދިނުމަށް ޔޫގެންޑާއިން އޭޔޫއަށް ގޮވާލައިފިއެވެ. މިއީ ކޮންގޯގައި 5,000 އަށްވުރެ ގިނަ މީހުން މަރުވެ، އެ ބައްރުގެ އެހެން ގައުމުތަކަށް މި ރޯގާ ފެތުރެން ފެށުމާ ގުޅިގެން އެޅުމަށް އެދިފައިވާ ފިޔަވަޅެކެވެ.
މި ކަމަށް ޔޫގެންޑާއިން އެދުނީ އެފްރިކާގެ 45 ގައުމެއްގެ ސިއްހީ އޮފިޝަލުން ބައިވެރިވެވަޑައިގެން، މުޅި ބައްރަށް ފެތުރެމުންދާ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ގުޅިގެން ފިޔަވަޅުު އެޅުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
ކޮންގޯގައި މިހާތަނަށް 10,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މިހާރު ވަނީ ކެންޔާ އާއި ނައިޖީރިއާއަށްވެސް މި ރޯގާ ފެތުރޭން ފަށާފައެވެ.
އާބާދީގެ ބޮޑު ބަޔަކަށް އަސަރުކުރަމުންދާ މި ހާލަތާ ގުޅިގެން ބުދަ ދުވަހު އޮތް ބައްދަލުވުމުގައި ޔޫގެންޑާގެ ސިއްހީ ވަޒީރު ވިދާޅުވީ، އޭޔޫގެ ސިފައިންނާއި އޮފިޝަލުން މައިދާން ގައި ހަރަކާތްތެރިވެ، ސިއްހީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސިއްހީ އެހީތެރިން މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މި ފޯސް ފޮނުވުމަށާއި، ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެފްރިކާގެ ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި ސަމިޓުގައި ބައިވެރިވި އޮފިޝަލުން ވަނީ ގައުމުތަކުގެ ސަރަހައްދީ ފާރަވެރިކަން ވަރުގަދަކުރުމަށާއި، މައުލޫމާތު ބަދަލުކުރުން އަވަސްކުރުމުގެ އިތުރުން ގައުމުތަކުގެ އިންތައް ބަންދުނުކޮށް ބެހެއްޓުމަށް އެއްބަސްވެފައެވެ.
މިއީ އެބޯލާގެ ތާރީޚުގައިވެސް އެފްރިކާ ބައްރުގެ މިހާ ގިނަ ސަރަހައްދުތަކަކަށް ބަލި ފެތުރިގެންދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން އާފްރިކާގެ މެދުތެރެއާއި، އިރުމަތީގެ އިތުރުން ހުޅަނގުގެ ސަރަހައްދީ ގައުމުތަކުންވެސް މިހާރު ވަނީ އެބޯލާގެ ކޭސްތައް ފެނިފައެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އަވަސް ސްޓްރެޓެޖީ އެއްގެ ދަށުން ބައިނަލްއަގުވާމީ އަދި ސަރަހައްދީ އެހީތެރިކަން ނުލިބިއްޖެނަމަ، މި ރޯގާ ކަންޓްރޯލްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.






