އެމެރިކާއާއި އީރާނާ ދެމެދު އައު ކުރިމަތިލުންތައް ފެށުމުގެ ނިޝާންތައް އިތުރުވާން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެމެދު ފޯނުން މަޝްވަރާތަކެއް ކުރިއަށްގޮސްފައިވާއިރު، އިޒްރޭލުގެ ސިފައިން ވަނީ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފައެވެ. ނަމަވެސް، އީރާނުން ވަނީ ކުރިއަށް އޮތް ހަނގުރާމަ މީގެ ކުރީގެ ކުރިމަތިލުންތަކަށްވުރެ ދިގުލައިގެން ދާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، ނަތަންޔާހޫއާ އާއެކު ދެއްކެވި ވާހަކަފުޅުގައި އީރާނުގެ މައްސަލައަށް ވަނީ އަލިއަޅުވާލައްވާފައެވެ. މީޑިއާއިން އެމެރިކާއާއި އިޒްރޭލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ތެހެރާނާއެކު ކުރިއަށްދާ މަޗްވަރާތަކުގެ މިސްރާބާއި، އަސްކަރީ ހަމަލާތައް އަލުން ފެށިދާނެ އަވަސްމިނާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އިޒްރޭލުގެ މީޑިއާ ބުނާ ގޮތުގައި، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ހަމަލާތައް ފެށުމުގެ ތާރީޚެއް ކަނޑައެޅުމަށް ނަތަންޔާހޫ ބާރުއަޅަމުންދާއިރު، ޓްރަމްޕް ބޭނުންފުޅުވަނީ ޑިޕްލޮމެޓިކް މަގަށް އިތުރު ފުރުސަތެއް ދިނުމަށެވެ.
އައޯވާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އީރާނަށް "ވަރުގަދަ ހަމަލާއެއް" ދޭންޖެހިދާނެ ކަމުގެ އިންޒާރު އަލުން ތަކުރާރުކުރައްވާފައެވެ. އަދި އެމެރިކާގެ "ބީ-2″ މަރުކާގެ ބޮން އަޅާ ބޯޓުތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއަރ ގާބިލުކަން ނައްތާލާފައިވާ ކަމަށާއި، "މިޑްނައިޓް ހެމަރ" އަދި "އެޕިކް ފިއުރީ" އޮޕަރޭޝަންތަކުގެ ދަށުން އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ނިޒާމުތައް ހަލާކުކޮށްލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ދުނިޔެއާއި އެމެރިކާގެ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމަކީ ކުޑަ ގުރުބާނީއެއް ކަމަށެވެ.
އިޒްރޭލުގެ ސިފައިންގެ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ވައިގެ ދިފާއީ މިސައިލްތަކާއި އަންމުނިޝަންތައް އިޒްރޭލަށް ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ހަމަލާތައް އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުވުން ގާތްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ސިފައިން ވަނީ އިޒްރޭލާއި އެކުވެރި ގައުމުތަކުގެ ސަރަހައްދުތަކަށް 200 އަށްވުރެ ގިނަ ރީފިއުލިންގ މަތިންދާބޯޓު ފޮނުވާފައެވެ. އިޒްރޭލުގެ އަސްކަރީ އަންދާސާ ތަކުން ދައްކާ ގޮތުގައި، އީރާނުގެ އަތުގައި މިހާރުވެސް ބިމުން ބިމަށް ފޮނުވާ 1500 މިސައިލާއި 300 ލޯންޗަރު އެބައޮތެވެ.
އީރާނުގެ ސިފައިންގެ ތަރުޖަމާނު މުހައްމަދު އަކްރަމީ ނިޔާ ވަނީ އެމެރިކާއިން އަލުން ހަނގުރާމައެއް ފަށައިފިނަމަ، އެ ހަނގުރާމަ ނިންމާނެ ތާރީޚެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމުގެ ބާރު އެމެރިކާއަށް ލިބިގެންނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ލީޑަރު އިމާމް މުޖްތަބާ ޚާމަނާއީގެ އެންގެވުމަށް، ސިފައިން ވަނީ އެމެރިކާއާއި އިޒްރޭލުގެ މަސްލަހަތުތަކަށް ހަމަލާދޭނެ އާ އަމާޒުތަކެއް ކަނޑައަޅާފައެވެ. އީރާނުގެ ދިފާއީ ވަޒީރު މެހެރްދާދު އަޚްލާގީ ވިދާޅުވީ ކޮންމެ ހަމަލާއަކަށްވެސް އެކަށީގެންވާ ވަރުގަދަ ރައްދެއް އީރާނުން ލިބޭނެ ކަމަށް ޔަގީން ކުރަންވާނެ ކަމަށެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައިވެސް ގަތަރު މެދުވެރިކޮށް ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާކަމަށް ޚަބަރުތައް ބުނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ ޓްރަމްޕް އަދި ހަނގުރާމަ ފެށުމަށް ވަކި ނިންމެވުމެއް ނުނިންމަވާ ކަމަށާއި ސުލްހަވެރި ހައްލަކަށް އެމެރިކާ ތައްޔާރު ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ މިވަގުތު އެމެރިކާއާއެކު ސީދާ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.







