މިސްރުގެ މިނިވަން ނޫސް މީޑިއާ ބަންދުކުރުމުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުން ބާއްވަނީ

މިސްރުގެ މިނިވަން ނޫސް މަޖައްލާ އަދި ޚަބަރު ފެތުރާ ވެބްސައިޓެއް ކަމަށްވާ "މަދާ މަސްރު" ބަންދުކޮށް، އެ ނޫހުގެ އެޑިޓަރ-އިން-ޗީފް ލީނާ އަޠާއުﷲ ތިން މިލިއަން މިސްރު ޕައުންޑުން ޖޫރިމަނާކުރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުން ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށް އައު ވެރިރަށް، ނިއު ކެއިރޯ މިސްޑިމީނަރ އެޕީލްސް ކޯޓުން ތާވަލުކޮށްފިއެވެ.

ލީނާއަކީ ޔޫޑަބްލިއުސީ ގްރެޖުއޭޓެކެވެ. އަދި ފަހުން އޭނާ ވަނީ އެމެރިކަން ޔުނިވަރސިޓީ އިން ކެއިރޯއިން މީޑިއާގެ ދާއިރާއިން ކިޔަވާފައެވެ.

މި މައްސަލައިގައި "މަދާ މަސްރް" ގެ ދިފާއީ ވަކީލު ޙަސަން އަލްއަޒްހަރީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިސްތިއުނާފު މައްސަލަ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ ހުއްދަ ނިއު ކެއިރޯ ޕްރޮސެކިއުޝަން އޮފީހުން ދީފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އަދި އުސޫލުތަކާ އެއްގޮތަށް އިސްތިއުނާފީ މައްސަލަ ރަޖިސްޓްރީކޮށް، ކޯޓުން އަޑުއެހުން ބާއްވާނެ ތާރީޚު މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.

ޤާނޫނީ ވަކީލު އަލްއަޒްހަރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިސްރުގެ ޤާނޫނުތައް ހަމަޖެހިފައިވާ ގޮތުން ކުށުގެ މައްސަލަތަކުގައި ދަށު ކޯޓަކުން ކުރާ ފުރަތަމަ މަރުހަލާގެ ހުކުމެއް އިސްތިއުނާފު ކުރުމާއެކު، އިސްތިއުނާފީ ކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމަށް އަމަލުކުރުން ޤާނޫނީ ގޮތުން މެދުކެނޑިގެންދާނެއެވެ. މީގެ ސަބަބުން، އިސްތިއުނާފީ މަރުހަލާ ނިމެންދެން ނޫސް ބަންދުކުރުމުގެ ހުކުމް ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓޭނެއެވެ.

މި މައްސަލައަކީ ފާއިތުވި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފިފްތު ސެޓްލްމަންޓް މިސްޑިމީނަރ ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ދުވަހު ދަށު ކޯޓުން ހުކުމް ކުރީ، ޤާނޫނީ ގޮތުން ނަގަންޖެހޭ ލައިސަންސް ނެތި ވެބްސައިޓެއް އުފައްދައި، ހިންގައި، މެނޭޖުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

ކޯޓުގެ ހުކުމުގައި "މަދާ މަސްރް" ގެ އެޑިޓަރ-އިން-ޗީފް ލީނާ އަޠާއުﷲ ތިން މިލިއަން މިސްރު ޕައުންޑުން ޖޫރިމަނާކުރުމުގެ އިތުރުން، އެ ނޫހުގެ ވެބްސައިޓް އެއްކޮށް ބަންދުކޮށް، ސަރވަރުތަކާއި ވަސީލަތްތައް ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.

"މަދާ މަސްރް" އަކީ މިސްރުގައި ހިންގާ އެންމެ ފާހަގަކޮށްލެވޭ އަދި މިނިވަންކަމާއެކު ޚަބަރު ފެތުރެމުންދާ މީޑިއާގެ ތެރެއިން އެއް ނޫހެވެ. ސަރުކާރާއި ޤާނޫނީ މުއައްސަސާތަކުގެ އުދަގޫ ކުރުމާއި ފާރަވެރިވުން މީޑިއާއަށް އުދަނގުލަކަށް ވެފައިވާ ދަނޑިވަޅެއްގައި، މި ނޫސް ބަންދުކުރުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމްޢިއްޔާތަކާއި،  ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ.

ނޮވެމްބަރު 25 ގައި ބާއްވާ އިސްތިއުނާފު އަޑުއެހުމުގައި، ދަށު ކޯޓުގެ އިޖުރާއަތްތައް ހިންގާފައިވާ ގޮތާއި، މީޑިއާ ލައިސަންސް ދޫކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ދިފާއީ ވަކީލުން ޤާނޫނީ ނުކާތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިސްރުގެ މީޑިއާ މަސްރަހު ގައި މި މައްސަލައަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި މުހައްލިލުން އަންނަނީ ސިފަކުރަމުންނެވެ.

ހިއްސާ ކުރައްވާ!