އީތިއޯޕިއާގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އަލަށް އުފަންވި ތުއްތު ކުއްޖަކު ހިމެނޭހެން އާންމުންގެ މީހުން މަރުވެ، އެ ސަރަހައްދުގެ ނާޒުކު ސިއްހީ ނިޒާމު މުޅިން ހަލާކުވުމާ ކައިރި ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ އިސްވެރިން ވިދާޅުވެއްޖެއެވެ.
އީތިއޯޕިއާގެ ފެޑެރަލް ސަރުކާރާއި ތިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިންނާ ދެމެދު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެފައިވާ ސުލްހައިގެ އެއްބަސްވުން އުވާލައި، އަލުން ހަނގުރާމަ ފެށުމާ ގުޅިގެން މުޅި ސަރަހައްދީ މަސްރަހު ވަނީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ. ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔޭސުސް މީސް މީޑިއާ ގައި ހާމަކުރެއްވި ގޮތުގައި، އަގްހާރާ ސަރަހައްދުގެ "ޖާރީ 2″ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަރުވެފައެވެ. އަދި އަވައްޓެރި ތިގްރޭގެ ރާމާ ސަރަހައްދުގައި ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރި އާންމުންނަށް އަމާޒުކޮށްވެސް ވަނީ ހަމަލާތަކެއް ދީފައެވެ.
ޓެޑްރޯސް ފާހަގަކުރެއްވި ގޮތުގައި، އީތިއޯޕިއާގެ އެކި ސަރަހައްދުތަކުގައި ޑްރޯން ހަމަލާތައް ދިނުމާއި އާންމުން މެރުން ވަނީ އާދައިގެ ކަމަކަށް ބަދަލުވެފައެވެ. އުތުރުގެ ހޮސްޕިޓަލްތަކުގައި ސިއްހީ އޮފިޝަލުންނާއި، ބޭހާއި، ސިއްހީ ވަސީލަތްތައް ހުސްވެފައިވާއިރު، އެމްބިއުލަންސްގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މައިދާން ގައި ބޮޑެތި ހުރަސްތަކެއް ވަނީ އުފެދިފައެވެ.
އީތިއޯޕިއާގެ ސަރުކާރުން އަމްހާރާ އަދި އޮރޯމިއާ ސަރަހައްދުތަކުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށްވެސް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާއިރު، އޮރޯމިއާގައި ދިން ހަމަލާތަކެއްގައި އޯތޮޑޮކްސް ކްރިސްޓިއަނުންގެ 60 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާއިން ވަނީ އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރިކޮށް، އެކަން ތަހުގީގުކުރުމަށް ގޮވާލާފައެވެ.
އިދިކޮޅު ހަތް ޖަމާއަތެއް ގުޅިގެން އުފައްދާފައިވާ "އީތިއޯޕިއަން ޕީޕަލްސް ފޯސަސް އެލަޔަންސް ފޯ ސަވައިވަލް" އިން ވަނީ ސަރުކާރު ބަދަލުކުރުމަށާއި، ސަރަހައްދީ ގުޅުންތައް ވަރުގަދަކޮށް އިގްތިސާދީ އަދި ސިޔާސީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.







