އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް ބޯލަނބާލައިގެން ބަސް އަހައިގެން ކިޔަމަންތެރިކަން ދައްކައިފިނަމަ ކުރިން ކަނޑައެޅި ހަފުތާއެއްގެ މުއްދަތުގެ ބަދަލުގައި އެންމެ ދެ ދުވަސް ތެރޭގައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް ތައްޔާރަށް އޮތްކަމަށް އީރާނބުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ދެ ދުވަސް ތެރޭގައި މި ޕްލޭން ތަންފީޒުކުރުމުގެ ގާބިލުކަން އީރާނުގައި ހުރުމަކީ އެ ޤައުމުން އިޚްލާސްތެރިކަމާއެކު މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން ބޯލަނބާލައިފިނަމަ ހުރުމުޒު ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކޮށް، މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު ކުރު މުއްދަތެއްގެ ތެރޭގައި ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެދުވެރިން މެދުވެރިކޮށް އެމެރިކާއާއެކު މެސެޖުތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރައްވަމުން ބަޤާއީ ވިދާޅުވީ، މުޅި މައްސަލައިގެ ކުރިއެރުން ބިނާވެގެންވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކޮށް ބަސްއަހާ ގޮތުގެ މައްޗަށް ކަމަށެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ ފަހުކޮޅު ސޮލީބީ ހަނގުރާމަ ފެށުނީއްސުރެ، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ ނަގާފައެވެ. އެ ޤައުމުގެ ހުއްދައާ ނުލައި ދަތުރުކުރަން އުޅޭ އުޅަނދުފަހަރަށް އީރާނުގެ ސިފައިން އަންނަނީ ހަމަލާ ދެމުންނެވެ. މީގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް އަސްކަރީ ކަނޑުގެ ހުރަސްތައް ކުރިމަތިކުރުވައި، އިގްތިސާދީ ފިއްތުންތައް ބޮޑުކޮށްފައެވެ.
އީރާނުން ސެޕްޓެމްބަރު މަހު ޤަތަރު މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅި ހަތް ދުވަހުގެ ޕްލޭންގެ ދަށުން، އެމެރިކާއިން ބޯލަނބާލައި ޝަރުތުތައް ފުރިހަމަކުރާތާ ހަވަނައަށް ވާ ދުވަހު ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމަށް އީރން އޮތީ ހުށަހަޅާފައެވެ.
އީރާނުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހުރިހާ މައިދާނެއްގައި ހަނގުރާމަ ހުއްޓާލުމާއި، ބޭރު ޤައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ މާލީ ވަސީލަތްތައް ދޫކޮށްލުމާއި، ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން އަދި އެމެރިކާގެ ކަނޑުގެ ބަންދު އުވާލުން ހިމެނެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށްޓަކައި އީރާނާއި އޮމާން ގުޅިގެން އެކުލަވާލާފައިވާ އާ ރޫޓަށް ވޮޝިންގޓަނުން އެއްބަސްވާންޖެހޭނެ ކަމަށެވެ. އަދި ފާއިތުވި މަސްތަކުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ އަސްކަރީ ހަމަލާތައް އަލުން ފެށުމުގެ އިންޒާރުތައް ވަރުގަދަކުރަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒެއް ކަމަށް ތުހުމަތުކުރެވޭ ޕިކްއެކްސް ފަރުބަދައަށް ހަމަލާދޭންޖެހިދާނެ ކަމަށް ބުނެފައެވެ. މިކަމަށް ރައްދުދެއްވަމުން ތަރުޖަމާނު ބަޤާއީ ވިދާޅުވީ، އީރާނުގެ ސިޔާދަތަށް އަރައިގަތުމަށް ދޭ ކޮންމެ ހަމަލާއަކަށް އެކަށީގެންވާ ވަރުގަދަ އަދި ފުރިހަމަ ރައްދެއް އީރާނުގެ ސިފައިންގެ ފަރާތުން ލިބޭނެ ކަމަށެވެ.





