އެމެރިކާގައި ބާއްވާ މިޑްޓަރމް އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިފިނަމަ، އެ ޕާޓީން ފާސްކޮށްގެން ފޮނުވާ ހުރިހާ ޤާނޫނުތަކެއް ވީޓޯކުރައްވައި، "މިސްޓަރ ވީޓޯ" ގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ނިއުޔޯކް ޕޯސްޓްގެ ނޫސްވެރިޔާ މިރަންޑާ ދިވައިންގެ 'ޕޮޑް ފޯސް ވަން' ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެ މަޖިލީހުގެ ނުވަތަ ކޮންމެވެސް އެއް މަޖިލީހެއްގެ އަޣުލަބިއްޔަތު ގެއްލިއްޖެނަމަ، ސަރުކާރުގެ ސިޔާސަތުތައް ހަލާކުކޮށްލުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށެވެ. އަދި ޑިމޮކްރެޓުން ހުށަހަޅާ ބިލްތައް ވީޓޯ ކުރައްވަމުން ގޮސް، މަސް ދެމަސް ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ވަގުތު ބޭކާރުވާކަން އެނގުމުން، ސަރުކާރާއެކު މަޝްވަރާގެ މޭޒަށް އައިސް އެއްބަސްވުންތަކަކަށް އަންނަން މަޖުބޫރުވާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
"އަހަރެން ގަބޫލުކުރަނީ އަހަރެމެންނަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް. ނަމަވެސް ކާމިޔާބު ނުވެއްޖެނަމަ، އަހަރެން ވާނީ 'މިސްޓަރ ވީޓޯ' އަށް. ހުރިހާ އެއްޗެއް އަހަރެން ވީޓޯ ކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
މިއީ އެމެރިކާގެ ސިޔާސީ ތާރީޚުގައި ދެ ޕާޓީގެ މެދުގައި އެއްބަސްވުންތަކަށް އަންނަންޖެހުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި، ވީޓޯގެ ބާރު ބޭނުންކުރައްވައިގެން ސަރުކާރުގެ ސްޓްރެޓެޖީ ކުރިއަށްގެންދަވާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
އަންގާރަ ދުވަހު ބާއްވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މުޅި 435 ގޮނޑިއާއި، ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަށް މީހުން އިންތިޚާބުކުރާނެއެވެ. މިހާރު ހައުސްގެ ކުޑަ އަޣުލަބިއްޔަތެއް ރިޕަބްލިކަން ޕާޓީގައި އޮތްއިރު، ޑިމޮކްރެޓުންނަށް ހައުސްގެ ކޮންޓްރޯލް ހޯދުމަށް އިތުރަށް ބޭނުންވަނީ އެންމެ ތިން ގޮނޑިއެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގައި މިހާތަނަށް ވީޓޯގެ ބާރު ބޭނުންކުރައްވާފައިވަނީ އެންމެ ދެ ފަހަރުއެވެ. ނަމަވެސް ފުރަތަމަ ދައުރުގައި ވަނީ 10 ބިލެއް ވީޓޯ ކުރައްވާފައެވެ.
އެމެރިކާގެ ޤާނޫނުއަސާސީ އޮންނަ ގޮތުން ރައީސް ވީޓޯ ކުރައްވާ ބިލެއް، ކޮންގްރެސްގެ ދެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އަލުން ފާސްކޮށްފިނަމަ، ރައީސްގެ ވީޓޯ ބާތިލުވެ، އެ ބިލެއް ޤާނޫނަކަށް ބަދަލުވެގެންދާނެއެވެ.
މި އިންޓަވިއުގައި ޓްރަމްޕް ވަނީ ތިންވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޚިޔާލުފުޅުވެސް ހާމަކުރައްވާފައެވެ.
ފުރުސަތު ލިބިވަޑައިގަންނަވާނަމަ އަލުން ކުރިމަތިލައްވަން ބޭނުންފުޅުވާ ކަމަށާއި، ނަމަވެސް އެމެރިކާގެ ޤާނޫނުއަސާސީގެ 22 ވަނަ އިސްލާހުގެ ސަބަބުން އެކަމަށް ޤާނޫނީ ހުރަސްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. މި އިސްލާހު އޮންނަ ގޮތުން އެއްވެސް މީހަކަށް ދެ ދައުރަށްވުރެ އިތުރަށް އެމެރިކާގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތެއް ނުލިބެއެވެ.





