38 ވަނަ ނަސްރުގެ ދުވަސް ފާހަގަކޮށްފި: 1988 ގެ އުދުވާނުގައި ޤުރުބާންވި ޝަހީދުންގެ ހަނދާން އައުކޮށްފި

ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތްތަކެއް މިއަދު އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ދުވަހަކީ 1988 ނޮވެމްބަރު 3 ވީ ދުވަހު ރާއްޖެއަށް ކުރިމަތިވި ޚިޔާނާތްތެރި އުދުވާނީ ހަމަލާގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތައްޓަކައި އަމިއްލަ ނަފްސު ގުރުބާން ކުރި ސިފައިންނާއި އާންމު ރައްޔިތުންގެ ހަނދާނުއި އަގުހުރި ޤުރުބާނީ އައުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެންދިޔައީ އަންގާރަ ދުވަހުގެ ފަތިސް ނަމާދަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަމާޢަތުންނެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިފާޢީ ވަޒީރު ޙަސަން ރަޝީދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ނަމާދުގައި ބައިވެރިވެވަޑައިގަތެވެ. އަދި ޤައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ބަތަލުންނަށް ރަޙުމަތާއި މަޣުފިރަތަށް އެދި ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.

ފަތިސް ނަމާދަށްފަހު، މާލޭގެ ނަސްރުގެ ބިނާ ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ގައުމީ ދިދަނެމުގެ ޚާއްސަ ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވާފެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން، ޤައުމީ ޖިހާދުގެ ހަނދާން އައުކޮށްފައި ވެއެވެ.

ތާރީޚީ ހާދިސާއަށް ބަލާއިރު، 1988 ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިންނާއި ދިވެހި ޚިޔާނާތްތެރި ބަޔަކު ގުޅިގެން މާލެއަށް ދިން މި އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލުންނާއި 11 އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ދިވެހި ސިފައިންގެ ހިތްވަރާއި، އިންޑިއާގެ ސިފައިންގެ އަސްކަރީ އެހީތެރިކަމާއެކު މި ޢުދުވާން ވަނީ ނާކާމިޔާބުކޮށްލާފައެވެ.

މި މުނާސަބަތާ ގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީސް މީޑިއާ ގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ފަންވަރުން ޢިބްރަތް ޙާޞިލުކުރުމަށް ގޮވާލެއްވިއެވެ. "ދިވެހި ސިފައިން ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުހުރި ޖިހާދަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު ޙަސަން ރަޝީދު ގެ މެސެޖުގައި، ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭންޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މީސްމީޑިއާގައި ހިއްސާ ކުރެއްވި ބަޔާނުގައި، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ޤައުމުދެކެ ވާ ލޯބި ދިވެހި ރައްޔިތުން އެ ދުވަހު މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!