އިރާނުގެ ތެހެރާންގެ ތަޖްރީޝް މައިދާންގައި އާންމުންނަށް ޚާއްސަ އަސްކަރީ ތަމްރީނު ދޭ ތިންވަނަ "ޖާންފަދާ" ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ސަރަހައްދީ އަސްކަރީ ނުތަނަވަސްކަން ބޮޑުވެ، ޤައުމީ ދިފާއުގައި ބައިވެރިވުމަށް އެދޭ ވޮލަންޓިއަރުން ތަމްރީނުކުރުމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ މުޙައްމަދު ރަސޫލުﷲ ކޯޕްސްއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އައި.އާރު.ޖީ.ސީގެ އިސް ކޮމާންޑަރުންނާއި، ސިފައިންގެ އިދާރާތަކުގެ ސީނިއާ އޮފިޝަލުންގެ އިތުރުން ސިވިލް ސާވިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެތެރޭގެ ދިފާއީ ޤާބިލުކަން އިތުރުކުރުމަށް ފެށި ހަރަކާތެކެވެ.
"ޖާންފަދާ" (އީރާނަށްޓަކައި ޤުރުބާންވުން) ކެމްޕޭނަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި ހަނގުރާމައަށްފަހު، ޤައުމު ދިފާއުކުރުމުގައި އަމިއްލައަށް އެދިގެން ބައިވެރިވާ މީހުން އިންތިޒާމުކުރުމުގެ މަޤުޞަދުގައި ފެށި ހަރަކާތެކެވެ. މި ކެމްޕޭނުގެ ދަށުން ވޮލަންޓިއަރުންގެ ގޮތުގައި ނަންނޯޓުކުރުމުގެ ފުރުސަތު މާރިޗު 28 ގައި ހުޅުވާލިއިރު، ސިފައިންގެ ޚިދުމަތްތަކުގެ އިތުރުން ކުއްލި ހާލަތްތަކުގައި އެހީތެރިވުމާއި، އިޖުތިމާއީ، ސަގާފީ އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާތަކުން ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ދީފައެވެ.
މި ހަރަކާތުގެ ތެރެއިން އާންމުން ވަކިވަކި ބެޓޭލިއަންތަކަށް ބަހާލައި، ސިފައިންގެ މުއައްސަސާތަކާ ގުޅިގެން ހަދާ ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ އެކުލަވާލާފައެވެ. ޖާންފަދާ ހެޑްކުއާޓަރުން މި ފާއިތުވި ސެޕްޓެމްބަރު މަހު އިއުލާންކޮށްފައިވާ ގޮތުގައި، މުޅި ޤައުމުގައި އާންމުންގެ 1،000 ވޮލަންޓިއަރު ބެޓޭލިއަން ތަމްރީނުކޮށް އިންތިޒާމުކުރުމުގެ ބޮޑު ސްޓްރެޓެޖީ އެއް ދަނީ ތަންފީޒުކުރަމުންނެވެ.
ތެހެރާންގައި އާންމުންނަށް ޚާއްސަ އަސްކަރީ ތަމްރީނު ސެންޓަރުތައް ހުޅުވުމަކީ މި ކެމްޕޭނުގެ މުހިންމު މަރުހަލާއެކެވެ. އެގޮތުން އެންމެ ފުރަތަމަ ސެންޓަރު އޮކްޓޯބަރު 1 ގައި އިމާމް ޙުސައިން މައިދާނުގައި ހުޅުވިިއިރު، ދެވަނަ ސެންޓަރު އޮކްޓޯބަރު 11 ގައި ހުޅުވާފައިވަނީ ހަފްތޭ ތީރު މައިދާން ގައެވެ. ހޯމަ ދުވަހު ތަޖްރީޝް މައިދާންގައި ހުޅުވި ސެންޓަރަކީ މި ސިލްސިލާގެ ތިންވަނަ މަރުކަޒެވެ.
މި ސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް އަސާސީ އަސްކަރީ ތަމްރީނުތައް ދިނުމެވެ. އޭގެ ތެރޭގައި ބަޑި ބޭނުންކުރާނެ ގޮތްތަކާއި، އަމާޒަށް ހަމަލާދިނުމުގެ ތަމްރީނުތައް ހިމެނެއެވެ.
އީރާނުގެ އާންމު ރައްޔިތުން ސިފައިންގެ ތަމްރީނުތަކުގައި ބައިވެރިކުރުމަކީ އެމެރިކާއާއި އިޒްރޭލުގެ ސިޔާސަތުތަކާ ދެކޮޅަށް އީރާނުން ދެމެހެއްޓެނިވި ދިފާއީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ސިޔާސަތެކެވެ. އަދި މިއީ ޤައުމުގެ އެތެރޭގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އީރާނުގެ ވެރިން ގެންގުޅުއްވާ ޚާއްސަ އުސޫލެއްގެ ތެރެއިން ހިންގާ ކަމެކެވެ.






