އެމެރިކާއިން އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެ ކަމަށް ބުނެ ޓަކަރ ކާލްސަން އަލުން އިންޒާރުދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ބުނެ، އެމެރިކާގެ މަޝްހޫރު މީޑިއާ ޝަޚްސިއްޔަތު ޓަކަރ ކާލްސަން އަލުން އިންޒާރުދީފިއެވެ. މިއީ 2026 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މިފަދަ ހަމަލާއެއް ދީފާނެ ކަމަށް ބުނެ އޭނާ މިފަދަ އިންޒާރެއް ދިން 5 ވަނަ ފަހަރެވެ.

ޓަކަރ ކާލްސަންގެ މި ވާހަކަތަކާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވީ ނަމަވެސް، އެމެރިކާއިން އީރާނުގެ ބަންކަރުތައް ހަލާކުކޮށްލެވޭ ފަދަ ނިއުކްލިއަރ ބޮމެއް ބޭނުންކޮށްގެން ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް ޙަޤީޤީ ހެއްކެއް ނުވަތަ ސަރުކާރުގެ ނިޔަތެއް އޮތްކަން އެނގޭނެ ސާބިތު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އޭނާގެ ވާހަކަތަކުގައި ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށާއި މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ނުތަނަވަސްވެ، ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ކާލްސަން ފަދަ އާންމުންގެ ނުފޫޒު ބޮޑު ފަރާތްތަކުން ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭ ކަމަށް ވެއެވެ.

އެމެރިކާގެ ވޮޝިންގޓަންގެ މަސްއޫލުވެރިންނާއި ޕެންޓަގަންގެ އޮފިޝަލުން މީގެ ކުރިންވެސް ވަނީ އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ސްޓްރެޓެޖީ އެއް ނެތްކަން ހާމަކުރައްވާފައެވެ. ނަމަވެސް، ކާލްސަން މީގެ ކުރިން ދީފައިވާ ހަތަރު އިންޒާރުގައިވެސް ވަނީ އެމެރިކާގެ ދިފާއީ ސިޔާސަތުތަކަށް ސަގާފީ އަދި ސިޔާސީ ގޮތުން ފާޑުކިޔައި، ސަރުކާރުގެ ނިންމުންތަކާ މެދު ޚިޔާލު ޚިލާފް ތައް އުފައްދަން މަސައްކަތްކޮށްފައެވެ.

ހިއްސާ ކުރައްވާ!