އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާފައިވާ އަސްކަރީ ހަރަކާތްތަކުން، ޒަމާނީ އަދި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީއަށްވުރެ މެދުފަންތީގެ ހެޔޮ އަދި އަގުބޮޑު ނޫން ޓެކްނޮލޮޖީއަށް ބަރޯސާވެގެން ތިބޭ ޤައުމުތަކަށްވެސް ބޮޑެތި ބާރުތައް ހުއްޓުވުމުގެ ޤާބިލުކަން ލިބިގެންވާކަން ސާބިތުކޮށްދީފިއެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އަސްކަރީ ސްޓްރެޓީޖީގެ މިންގަނޑުތަކަށް ބޮޑު އިންޤިލާބެއް އީރާންގެ ސަބަބުން އައިސްފައިވެއެވެ.
އީރާނުން ވަނީ މިނިވަން ދިފާޢީ ސްޓްރެޓީޖީއެއްގެ ދަށުން، އަގުހެޔޮ މިސައިލާއި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅަނގުގެ ޤައުމުތަކުގެ ވައިގެ، ސެޓެލައިޓް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ ކުރިއަރާފައިވާ ނިޒާމުތަކާ ދެކޮޅަށް ކާމިޔާބު ކަމާއެކު ހަނގުރާމަކޮށްފައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ހަނގުރާމަ ހަމައެކަނި ވައިގެ މައިދާނުން ކަނޑަށާއި ބިމަށް ބަދަލުވެ، ދިގުލައިގެންދާ ނުރައްކާތެރި ހަނގުރާމައަކަށް ވެގެންގޮސްފައިވެއެވެ. މިއީ ސަރަހައްދީ ސިޔާސަތުގައި އީރާނަށް ޑިޕްލޮމެޓިކް ބާރަކާއި މަޝްވަރާގެ މޭޒުގައި ނިންމުންތައް ކަނޑައެޅުމުގެ ޤާބިލުކަން ލިބިގެންދިޔަ ކަމެކެވެ.
މެދުފަންތީގެ ބާރުތަކަކަށް ސުޕަޕަވަރ ޤައުމުތައް މުޅިން ބަލި ނުކުރެވުނު ނަމަވެސް، މިފަދަ ޤައުމުތަކުގެ ސަބަބުން ބޮޑެތި ބާރުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ. މިއީ ޔުކްރޭން ހަނގުރާމައިގައިވެސް ފެނިގެންދިޔަ ފަދަ މަންޒަރެކެވެ. ރަޝިޔާ ފަދަ ބޮޑު ބާރަކަށް ހަނގުރާމަ އަވަހަށް ނިންމާލެވިފައި ނުވުމަކީ، މެދުފަންތީގެ ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ބާރުތަކުގެ ޤާބިލުކަން ފަހަތަށް ޖެއްސިދާނެ ކަމުގެ ހެއްކެކެވެ.
އީރާނުން މި ސްޓްރެޓީޖީ ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން ދަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ކަމަކަށް، 1980 ގެ އަހަރުތަކުގެ ހަނގުރާމައާއި ބައިނަލްއަޤުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި އެކަހެރިކަމުން އަރައިގަނެ، ދިފާޢީ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ބޭރުގެ ސާމާނަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ޤައުމުގައި އަސްކަރީ އުފެއްދުންތައް އުފެއްދުމާއި މަރާމާތުކުރުމުގެ ޤާބިލުކަން އީރާނުން ވަނީ ވަރުގަދަކޮށްފައެވެ.
ދެވަނަ ކަމަކަށް، ގައުމާއި ސަރަހައްދުގެ ޖިއޮޕޮލިޓިކްސްއާ ގުޅޭގޮތުން ގެންގުޅޭ މުހިންމު ސްޓްރެޓީޖީއެކެވެ. ޚާއްސަކޮށް، ހުރުމުޒު ކަނޑުއޮޅި ސަރަހައްދު ކޮންޓްރޯލްކުރުމާއި، މަރުކަޒީ ކުރެވިފައިވާ ހިންގުމުގެ ނިޒާމެްގެ ބަދަލުގައި ކޮންމެ ސަރަހައްދަކަށްވެސް އަމިއްލައަށް ކަންކަން ނިންމޭ ފަދަ މިނިވަން ކަން ގެންގުޅުމެވެ. މިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކުރަން އުނދަގޫވެ، ދުޝްމަނުންގެ ލޮޖިސްޓިކް ނިޒާމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ.
ތިންވަނަ ކަމަކަށް، ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ބޭރުގެ އަސްކަރީ މަރުކަޒުތަކަށް ސީދާ އީރާނުގެ ބިމުން ހަމަލާދިނުމުގެ ޤާބިލުކަން އީރާނުން ހޯދުމެވެ. ދުރުރާސްތާ މިސައިލާއި ޑްރޯން މެދުވެރިކޮށް ދެވޭ މިފަދަ ހަމަލާތަކުން ސަރަހައްދީ އަސްކަރީ ބެލެންސް ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.
މި ހަނގުރާމައިގެ ނަތީޖާއަކަށްވެފައިވަނީ "މެދުފަންތީގެ ބާރުވެރިކަން" ނުވަތަ މެދުފަންތީގެ ޒަމާނީ ބާރަށް އީރާން ވެގެން ދިއުމެވެ.






