ދުނިޔޭގެ 30 ޤައުމަކަށް އަމާޒުކޮށްގެން، 8.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން މުސްލިމުންނާއި، މުހާޖިރުންނާއި، ޤަޠަރު އަދި އީރާނާ ދެކޮޅަށް މައުލޫމާތު އޮޅުވާލުމުގެ ބޮޑު ޕްރޮޕެގެންޑާ ކެމްޕޭނެއް ހިންގާފައިވާކަން ދިރާސާ ރިޕޯޓަކުން ހާމަވެއްޖެއެވެ.
ބާހިޘުން ކަމަށްވާ މާރކް އޯވެން ޖޯންސް އާއި ސޫހަން ދީސޫޒާ އެކުލަވާލެއްވި "ދަ ގްރޭޓް ރިޕްލޭސްމަންޓް އިންޑަސްޓްރީ" ގެ ނަމުގައި ހަދާފައިވާ ރިޕޯޓުގައިވާ ގޮތުން، އޮކްޓޯބަރު 2023 އިން އޮކްޓޯބަރު 2026 ގެ ނިޔަލަށް ހިންގި މި ހަރަކާތަކީ މީގެ ކުރިން ރިކޯޑުކުރެވިފައިވާ މައުލޫމާތު އޮޅުވާލުމާއި ނުފޫޒު ފޯރުވުމުގެ އެންމެ ބޮޑު އެއް ކެމްޕޭނެވެ. މި ކެމްޕޭނުގެ އިޝްތިހާރުތައް ވިލާތު ބައްރާއި، އެމެރިކާ، އޭޝިއާ އަދި މެދުއިރުމަތީގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި 800 މިލިއަނަށްވުރެ ގިނަ ފަހަރު ވަނީ ދައްކާފައެވެ.
މި ކެމްޕޭނުގައި މީސް މީޑިއާ ގެ ފޭސްބުކް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދައްކައިގެން ހިންގި އިޝްތިހާރުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯތަކާއި، ލަވަތަކާއި، ވީޑިއޯ ގޭމްތަކުގެ މަޖާ ހަރަކާތްތައް ވަނީ ބޭނުންކޮށްފައެވެ. މިއީ ހުޅަނގުގެ އާބާދީގެ ބަދަލުތަކުގެ ތެރެއިން ނަސްލީ އިމްތިޔާޒުގެ ނަޒަރިއްޔާތު ފެތުރުމަށް ހިންގި ކަމެކެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި، މި ކެމްޕޭނުގެ ފެށުން ގުޅިފައި ވަނީ އިސްރާއީލާ އެވެ.
ނަމަވެސް، މިއީ ސީދާ އިސްރާއީލު ސަރުކާރުން ހިންގި ކަމެއްކަން ކަށަވަރުކޮށްދޭ ފުރިހަމަ ހެކި އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، މި އޮޕަރޭޝަނުގައި ބައިވެރިވި ފަރާތްތަކަކީ އިސްރާއީލުގައި ޤާއިމުވެ ތިބި، އަދި އިސްރާއީލު ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަންތަކާ ގުޅުން ހުރި ފަރާތްތަކެއް ކަމަށް ދީސޫޒާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މި ނެޓްވޯކުގެ ކުރީގެ ހަރަކާތްތައް ވިއެޓްނާމުގެ ކުންފުނިތަކެއް މެދުވެރިކޮށް އިސްރާއީލާ ގުޅުވައިދީފައިވާއިރު، މޭ 2024 ގައި މެޓާ އިން މި އެކައުންޓްތައް ބަންދުކުރުމުން، ނޮވެމްބަރު 2024 ގައި ބްރެޒިލްގެ ވިޔަފާރި ކުންފުނިތަކެއް މެދުވެރިކޮށް އަލުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ތަހުގީގަށް ފެނުނު ގޮތުގައި ފޭސްބުކްގައި 1،473 އިޝްތިހާރާއި، ޔޫޓިއުބްގައި 189 ވީޑިއޯ އަދި ޓިކްޓޮކްގައި 359 އިޝްތިހާރު ވަނީ އާންމުކޮށްފައެވެ.
އިނގިރޭސިވިލާތުގެ އާންމުންނަށް އަމާޒުކޮށް 2024 ގައި ފޭސްބުކްގައި ދިން އިޝްތިހާރުތަކުގެ 406 ކޮމެންޓެއް ދިރާސާކުރިއިރު، އޭގެ 61 އިންސައްތަ ކޮމެންޓަކީ އިސްލާމްދީނާ ދެކޮޅު ޚިޔާލު ތަކަށް ތާއީދުކޮށް ކޮށްފައިވާ ކޮމެންޓްތަކެވެ.
މެޓާ އިން ވަނީ 2024 ގައި މި އޮޕަރޭޝަނުގެ ފުރަތަމަ މަރުޙަލާގައި 9 ލައްކަ ޕައުންޑް ޚަރަދުކޮށްފައިވާކަން ކަށަވަރުކޮށްދީ، ނަފްރަތު ފެތުރުމާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެފައެވެ.
މި މައުލޫމާތު އޮޅުވާލުމުގެ ކެމްޕޭނާ ގުޅިގެން، ސިޔާސީ އިޝްތިހާރުތަކާއި ޑިޖިޓަލް ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކަށް ސަރުކާރުތަކުން ފާރަވެރިވުން އިތުރުކުރުމަށް ދިރާސާވެރިން ވަނީ ގޮވާލައްވާފައެވެ. ޚާއްސަކޮށް، އިޝްތިހާރުކުރާ ފަރާތްތަކުގެ ވަނަވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަރުކަށިކޮށް، އެކައުންޓްތައް ބަންދުކުރުމުން އެހެން ކުންފުނިތައް މެދުވެރިކޮށް އަލުން އުފެދުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.







