އެމެރިކާގެ ދައުރުގެ މެދު ތެރޭގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުކުރުމާ ގުޅިގެން، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ އެމެރިކާގެ ވޯޓުލާ މީހުން ނިންމި ނިންމުމަކީ ހަނގުރާމައާ ދެކޮޅަށް ދިން ސަރީޙަ މެސެޖެއް ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ސެނެޓުގެ އަޣުލަބިއްޔަތު ހޯދައި، ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ގޮނޑިތަކާއެކު މުޅި ކޮންގްރެސްގެ ކޮންޓްރޯލް ނަގާފައެވެ.
މި ނަތީޖާއާ ގުޅިގެން މީޑިއާ ޕްލެޓްފޯމް އެކްސްގައި ޤާލީބާފް ލިޔުއްވާފައިވަނީ، އެމެރިކާގެ އާންމުން ހަނގުރާމައަށް "ނޫނެކޭ" ބުނެފައިވާ ކަމަށާއި، އީރާނުން އެ މެސެޖަށް ތާއީދުކުރާ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން ބައިނަލްއަޤުވާމީ ފައިސާވެރިންގެ މަސްލަޙަތުގައި ރައްޔިތުންގެ ނިންމުމަށް ޚިޔާނާތްތެރިވެއްޖެނަމަ، އީރާނުގެ "ނޫނެކޭ" ބުނުމާއެކު ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.
އިންތިޚާބީ ނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް މަރުޙަބާ ވިދާޅުވެ، ޤައުމުގެ ލާބައަށްޓަކައި އެ ޕާޓީއާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރިކަން އިއުލާނު ކުރައްވާފައެވެ. ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ރައީސްގެ ހައިސިއްޔަތުން ބިލުތައް ބާޠިލުކުރުމުގެ ފުރިހަމަ ވީޓޯ ބާރު އޭނާއަށް ލިބިގެންވާ ކަމަށާއި، މަޖިލީހާއެކު އެއްބަސްވުންތަކަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ޓްރޫތު ސޯޝަލްގައި ވީޓޯ ޖަހާފައިވާ ރެޑް މެގާ ކެޕެއްގެ ފޮޓޯއެއް އާންމުކުރައްވައި، ޤާނޫނުހަދާ މަޖިލީހުން ފާސްކުރާ ބިލުތައް ތަންފީޒުކުރުމަށް ހުރަސްއަޅުއްވާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.
ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާއިން ރެކެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، އިންތިޚާބު ކަރުދާހުގައި އޭނާގެ ނަން ނެތުމަކީ ގޮނޑިތައް ގެއްލުނު މައިގަނޑު ސަބަބު ކަމަށެވެ. އޭނާގެ ނަން ބެލެޓުގައި އޮތްނަމަ ރިޕަބްލިކަން ޕާޓީން ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކުރީސް ކަމަށާއި، ބައެއް ކެންޑިޑޭޓުންނަކީ އާންމުންގެ ތާއީދު އޮތް ނުވަތަ އޭނާގެ ތާއީދު ލިބިފައިވާ ބޭފުޅުންނަށް ނުވުމުން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އީރާނާއެކު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ހަނގުރާމަ ނިމުމަކަށް އަންނާނީ އޭނާ އަމިއްލައަށް ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ.
ފޮކްސް ނިއުސް އާއި ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ޓެކްސަސް، ސައުތު ކެރޮލައިނާ އަދި ކަންސާސް ފަދަ ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ކޮންޓްރޯލެއް އޮތް ސްޓޭޓްތަކުން ޑިމޮކްރެޓުން ވަނީ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ. ތެލުގެ އަގު އުފުލުމާއި، އިންފްލޭޝަންގެ މައްސަލަތަކާއި، އީރާން ހަނގުރާމައާމެދު އޮތް ނުރުހުމުގެ ސަބަބުން، ޒުވާނުންނާއި، ވަކިފަރާތަކަށް ނުޖެހޭ ވޯޓުލާ މީހުންނާއި، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގެ އާންމުން ވަނީ ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ވޯޓުދީފައެވެ.






