ޓީޗަރުން ކުރި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ކަރުނަގޭހާއި ބާރުގެ ބޭނުންކޮށްފި

ޕާކިސްތާނުގެ ކަރާޗީ ޕްރެސް ކްލަބް ކައިރިން ފެށިގެން، ސިންދު ސްޓޭޓުގެ ޗީފް މިނިސްޓަރުގެ ގެކޮޅާ ދިމާއަށް ޕްރައިމަރީ ޓީޗަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ހިނގާލުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ކަރުނަގޭހާއި ލަޓިބުރި ބޭނުންކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ހިންގި މި އޮޕަރޭޝަނުގައި 38 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޯލް ސިންދު ޕްރައިމަރީ ޓީޗާސް އެސޯސިއޭޝަންގެ ގޮވާލުމަކަށް އެއްވި އެތައް ސަތޭކަ ޓީޗަރުންނެއް ކަރާޗީ ޕްރެސް ކްލަބް ސަރަހައްދަށް އެއްވީ، އެމީހުންގެ ވަޒީފާގެ އޮނިގަނޑު އިސްލާހުކުރުމަށާއި، ޓީޗަރުން ބަދަލުކުރުމާއި ޕްރޮމޯޝަން ދިނުމުގެ ބާރުތައް ޑިސްޓްރިކްޓް އޮފިސަރުންނަށް ދިނުމަށް އެދި ހުށަހެޅުންތައް ހުށަހެޅުމަށެވެ. މުޒާހަރާގެ ބައިވެރިން ޝިއާރުތައް ގޮވަމުން ޗީފް މިނިސްޓަރުގެ ގެކޮޅާ ދިމާއަށް މިސްރާބުޖެހި ނަމަވެސް، ފަވާރާ ޗޯކް ސަރަހައްދާ ހަމައަށް ދެވުމުން ފުލުހުން ވަނީ އެމީހުންނަށް ހުރަސްއަޅައި، އަނބުރާ ޕްރެސް ކްލަބާ ދިމާއަށް ފޮނުވާލުމަށް ކަރުނަގޭސް އުކާފައެވެ.

ސިންދުގެ ދެކުނު ސަރަހައްދުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި، މުޒާހަރާ ފެށުމުގެ ކުރިން ސަރުކާރުގެ ތައުލީމީ ދާއިރާގެ މަސްއޫލުވެރިން މެދުވެރިކޮށް ވާހަ ދައްކައިގެން މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރެވުނެވެ. އަދި ގަވަރުނަރާއި ޗީފް މިނިސްޓަރުގެ ގެކޮޅު ހިމެނޭ "ރެޑް ޒޯން" ސަރަހައްދަށް ވަނުމުގެ ފުރުސަތު ނުދެވޭނެކަން މުޒާހަރާގެ އިންތިޒާމުކުރި ފަރާތްތަކަށް ކުރިން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއައިޖީ ތުހުމަތުކުރެއްވި ގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާގެ މަގު ދޫކޮށްލުމަށްފަހު ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންނާ ދިމާއަށް ގާ އުކައި ހަމަނުޖެހުން އުފައްދާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޓީޗަރުންގެ ޖަމްޢިއްޔާގެ ރައީސް ޣުލާމް ރަސޫލް މެހެރް އާއި ސެކްރެޓަރީ ޖެނެރަލް އިއާޒް އަލީ ޗަންދިއޯ ހިމެނޭހެން 38 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޓީޗަރުންގެ ޖަމްޢިއްޔާގެ ނައިބު ރައީސް ރަފީޤު ނިޒާމާނީ ވިދާޅުވީ، 2021 ވަނަ އަހަރު ސިންދު ސަރުކާރުން އެކުލަވާލި ތައުލީމީ ސިޔާސަތުގެ ދަށުން ޓީޗަރުންގެ މުސާރައާއި ވަޒީފާގެ ކުރިއެރުންތައް ހުއްޓުވާފައިވާ ކަމަށެވެ. މީގެ ކުރިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާފައި ނުވާތީ، ޓީޗަރުން މަޖުބޫރުވެގެން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން ފުލުހުން ދިން އަނިޔާވެރި ހަމަލާތަކުގައި ދެ ޓީޗަރަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!