އިންޑިއާއިން ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން 2019 ވަނަ އަހަރު ޕާކިސްތާނުން އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލި ކަނޑާލުމަކީ، އެ ގައުމުގެ އިޤްތިޞާދަށް ލިބުނު 40 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމެއް ކަމަށް ޕާކިސްތާން-އިންޑިއާ ބިޒްނަސް ކައުންސިލުން ހާމަކޮށްފިއެވެ.
ޕާކިސްތާން-އިންޑިއާ ބިޒްނަސް ކައުންސިލްގެ ޗެއަރމަން ނޫރު މުޙައްމަދު ޤަޞޫރީ ވިދާޅުވި ގޮތުގައި، އަވަށްޓެރި އިންޑިއާއިން ކުޑަ އަގުގައި މުދާ އެތެރެކުރެވޭނެ މަގުތައް ބަންދުކުރުމުގެ ސަބަބުން، ދުރު ގައުމުތަކުން މުދާ އެތެރެކުރަންޖެހި، ލޮޖިސްޓިކްސް އަދި ދަތުރުފަތުރުގެ ޚަރަދުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ސީދާ ވިޔަފާރި ކަނޑާލި ކަމުގައި ވިޔަސް، އިންޑިއާގެ މުދާ ޕާކިސްތާނުގެ ބާޒާރުތަކަށް އެތެރެވުން ހުއްޓިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ދުބައި، ސިންގަޕޫރު އަދި ކޮލަމްބޯ ފަދަ ތިންވަނަ ގައުމުތަކުގެ ޕޯޓުތައް މެދުވެރިކޮށް އަހަރަކު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އިންޑިއާ މުދާ ޕާކިސްތާނަށް ދަނީ އެތެރެވަމުންނެވެ.
މިގޮތަށް ތިންވަނަ ގައުމުތައް މެދުވެރިކޮށް މުދާ އެތެރެކުރުމުން، މުދަލުގެ ލިޔެކިޔުންތަކަށާއި ލޭބަލްތަކަށް ބަދަލުގަނެގެން ގެންނަންޖެހޭތީ، މެދުވެރިންނަށް ބޮޑު ފައިދާއެއް ލިބި، ޕާކިސްތާނުގެ އާންމު ރައްޔިތުންނަށް މުދާ ލިބެނީ އިންތިހާއަށް ބޮޑު އަގުގައެވެ. އަދި ސީދާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީވެސް ވަނީ ގެއްލިފައެވެ.
- ޕާކިސްތާނުގެ އުފެއްދުންތެރިކަމުގެ %73 ހިއްސާކުރާ ސިމެންތި އުފައްދާ ސިނާއަތަށް ވަނީ ބޯޑަރުތައް ބަންދުވުމުގެ ސަބަބުން އެކްސްޕޯޓު އާމްދަނީ ދަށްވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ.
- މީގެ އިތުރުން، ހަކުރު އުފައްދާ ސިނާއަތުގައި އެއް މިލިއަން ޓަނުގެ ހަކުރު އިތުރުވެ، 98 ބިލިއަން ރުޕީސްގެ ގެއްލުން ވަނީ ލިބިފައެވެ.
- ކުރިން އިންޑިއާގެ ބޮޑު ބާޒާރަށް ހަކުރު އެކްސްޕޯޓުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު އެ މަގު ވަނީ ބަންދުވެފައެވެ.
- ދަނޑުވެރިކަމުގެ ނޭދެވޭ ސްޓްރެޓެޖީ ތަކުގެ ސަބަބުން ކަފަ ހައްދާ ދަނޑުތަކުގައި ކަރާ ހައްދަން ފެށުމުން، ގާާމެންޓް ސިނާއަތަށް ބޭނުންވާ ރޯ ކަފަވެސް މިހާރު ޖެހެނީ ބޮޑު އަގުގައި ބޭރުން އެތެރެކުރާށެވެ.
އިންޑިއާގެ އިޤްތިޞާދު 1 ޓްރިލިއަން ޑޮލަރުގެ އެކްސްޕޯޓު އަމާޒަކަށް ދަތުރުކުރަމުންދާއިރު، ޕާކިސްތާނުގެ ޖުމްލަ އެކްސްޕޯޓު ވަނީ 30.8 ބިލިއަން ޑޮލަރަށް ދަށްވެފައެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނުގެ ސިފައިން ދަނީ އިޤްތިޞާދީ ފައިދާއަށްވުރެ ގައުމީ ސަލާމަތީ ޚިޔާލުތަކަށް އިސްކަންދެމުންނެވެ. އެކަމުގެ ސަބަބުން، ސިވިލް ލީޑަރުންނަށް ސްޓްރެޓެޖީތައް ބަދަލުކުރަން ނުކުޅެދުމުގެ ސަބަބުން ގައުމު ވަނީ އިޤްތިޞާދީ އެކަހެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.



